22 Mar 2016, 13:09
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލުމަށް އިއްވި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.
ހައިކޯޓުގައި އެ މައްސަލަ ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ކޮން ގަޑިއަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އިމްރާނަށް އިއްވި ޓެރަރިޒަމްގެ ހުކުމުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ވެސް ފާހަގަކުރައްވާފައި ވަނީ 12 ނުކުތާ އެވެ. ހަމައެންމެ އިމްރާން އެ މައްސަލަ އިސްތިއުނާފު ކުރެއްވީ ވެސް 12 މައްސަލައެއް ފާހަގަކޮށެވެ.
އިމްރާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ވެސް ތިއްބެވީ އިނގިރޭސިވިލާތުގައި ފިއްލަވައިގެންނެވެ.