ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކާރާއި ސައިކަލް ދުއްވޭނެ ވަކި މުއްދަތެއް ކަނޑައެޅުން ބޮޑު ބަހުސަކަށްވެއްޖެއެވެ.

މިމަހުން ފެށިގެން އަމަލު ކުރަން ކުރިން ނިންމި އުސޫލުގައި ބުނެފައިވަނީ އަލަށް ގެންނަ ސައިކަލާއި ކާރު 15 އަހަރަށް ދުއްވުމުގެ ހުއްދަދޭ އިރު ކުރިން ބޭނުންކޮށްފައިވާ ކާރާއި ސައިކަލް އަލަށް ރަޖިސްޓްރީ ކުރާ އިރު ދުއްވޭނެ މުއްދަތަކަށް 10 އަހަރު ކަމަށެވެ. ނަމަވެސް އެއުސޫލަށް އަމަލު ކުރުން ވަނީ ފަސްކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގައި ދުއްވޭ އުޅަނދުތަކަށް ހުއްދަ ދޭނެ ވަކި މުއްދަތެއް ކަނޑަނޭޅިގެން އުޅެނީ އެ އަހަރުތަކާމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭތީ ކަމަށެވެ.

"ހައްލު ކުރަން މިޖެހޭ ކަމަކީ ކިތަން އަހަރުތޯ ދުވަސްވީ ކަމަށްބަލާނީ. އެކި ބޭފުޅުންގެ ނަޒަރުގައި އޭތި އެއްގޮތް ނުކުރެވިފައި މިއޮތީ. ޑިބޭޑަބަލް ކަމެއް. އެކި މީހުން ބުނާނީ އެކިއުމުރު،" ނާފިޒު ވިދާޅުވިއެވެ.

ފުރަތަމަ ކަނޑައެޅި މުއްދަތުގެ ތެރޭގައި ވެހިކަލްތައް ބާވެގެން ނުދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުން އަންނަ ކަމަށް ނާފިޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އެގަވައިދު ތަންފީޒު ކުރާނީ މުޅި ރާއްޖެއަށްތޯ ނުވަތަ ހަމައެކަނި މާލެއަށްތޯވެސް ބަހުސް ކުރެވެމުން އަންނަ ކަމަށް ނާފިޒު ވިދާޅުވިއެވެ.

އެއުސޫލަށް އަމަލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމި ސަބަބަކީ މާލެއަށް ދިމާވެފައިވާ އުޅަނދު ގިނަ ވުމުގެ މައްސަލަ ހައްލު ކުރުމެވެ.