ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ވޯޓާ އެއިޑުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އިންޑިއާއަކީ ސާފު ފެން ނުލިބޭ އެންމެ ބޮޑު އާބާދީ އޮތް ގައުމެވެ.

ވޯޓާ އެއިޑްގެ ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ 75.8 މިލިއަން ރައްޔިތުންނަށް ވަނީ ބޮޑު އަގުގައި ފެން ގަތުމަށް ނުވަތަ ކުނިއާއި ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ސަޕްލައި ފެން ބޭނުންކުރަން ޖެހިފަ އެވެ. އެއީ އެ ގައުމުގެ ފަސް ޕަސެންޓް ރައްޔިތުންނެވެ. އަދި ދުނިޔޭގެ ސާފު ފެން ނުލިބޭ އާބާދީގެ 10 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ. އެއާ އަޅާބަލާ އިރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ޗައިނާގައި ސާފު ފެން ނުލިބޭ ރައްޔިތުންގެ އަދަދަކީ 63 މިލިއަނެވެ.

ނަވާރަސަތޭކަ ނުވަދިހައަކާ އަޅާބަލާ އިރު ދުނިޔޭގެ ސާފު ފެނުގެ ހާލަތު ރަނގަޅުވެފައިވީ ނަމަވެސް، "ކޮންމެ 10 މީހަކުން އެކަކަށް ސާފު އަދި އަގުހެޔޮ ފެން ނުލިބުމުގެ ސަބަބުން ފަގީރު ކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ދުނިޔެއެއްގައި" އެކަމާ ދެކޮޅަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވޯޓާ އެއިޑްގެ ރިޕޯޓުގައި އެވެ.

މީގެ އިތުރުން، ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ ފަގީރުން އެވަރެޖުކޮށް ކޮންމެ ދުވަހަކު 50 ލީޓަރު ފެނަށް 72 ސެންޓު ހޭދަކުރަން ޖެހެ އެވެ. އެއީ އެމީހުންނަށް ކޮންމެ ދުވަހަކު ލިބޭ އާމްދަނީގެ 20 ޕަސެންޓެވެ. އެއާ އަޅާބަލާ އިރު އިނގިރޭސިވިލާތުގެ ރައްޔިތުން 50 ލީޓަރު ފެނަށް ކޮންމެ ދުވަހަކު ހޭދަ ކުރަން ޖެހެނީ 10 ސެންޓެވެ.

"އިންޑިއާގެ ކުރިއެރުމަށް ހުރަސްއަޅާ އެންމެ ބޮޑު މައްސަލައަކީ ފެން މެނޭޖު ނުކުރުން. އަދި ވޯޓާ ސަޕްލައި ޕްރޮޖެކްޓުތައް ރޭވުމާއި ކުރިއަށް ގެންދިޔުމުގައި ނާއިންސާފުން އަމަލު ކުރުމާއި އެފަދަ ޕްރޮޖެކްޓުތަކުގައި އެކަށީގެންވާ ވަރަށް ފެން ލިބޭނެ ތަންތަން ބޭނުން ނުކުރުމާއި ފެންހޮޅިތައް މީހުން ދިރިއުޅޭ ބައެއް ސަރަހައްދުތަކަށް ނުފޯރުން ހިމެނޭ،" ރިޕޯޓުގައިވެ އެވެ.

ސާފު ފެން ގަތުމުގެ ބަދަލުގައި ތަޣައްޔަރުވެފައިވާ ފެން ބޭނުން ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު 315،000 ކުޑަކުދިން މަރުވެ އެވެ. އޭގެ ތެރެއިން 140،000 ކުދިންނަކީ އިންޑިއާ ކުދިންނެވެ.

އިންޑިއާގެ ގުދުރަތީ ފެން ފަށަލަ ތަޣައްޔަރުވަމުން ދިޔުމުގެ ސަބަބުންނާއި ކޯރުތައް ހިކެމުން ދިޔުމުގެ ސަބަބުން ކުރިއަށް އޮތް 15 އަހަރުތެރޭގައި އެ ގައުމުގައި ފެން ހުންނާނީ ބޭނުންވާ ވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދުން ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ. (އޭޕީ)