28 Apr 2011, 18:06
ޑޮލަރުގެ އަގު ބޮޑުކުރުމާ އެކު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް މި ހަފްތާ ނިމުނު އިރު ބާޒާރުގައި 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގެ އަގުތަކަކަށް އުފުލިއްޖެ އެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑޮލަރުގެ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ސަރުކާރުން ހަމަޖެއްސި ފަހުން މިދިޔަ ހަފްތާ ނިމުނު އިރު ބޯފެނާއި ކިރާއި ތެލާއި އަދި ކޮފީ ފަދަ ތަކެތީގެ އަގުތައް ވަނީ އޭރު ހުރި ވަރަށް ވުރެ އެތައް ތަނަކުން ބޮޑުވެފަ އެވެ.
ޑޮލަރުގެ އަގަށް ގެނައި ކުއްލި ބަދަލަށް މިއަދަށް ދެ ހަފްތާ ވެފައިވާ އިރު މި ހަފްތާގެ ތެރޭގައި ވެސް ބޮޑަތި ބަދަލުތަކެއް ވަނީ ތަކެތީގެ އަގުތަކަށް އައިސްފަ އެވެ. މިހަފްތާ ނިމެމުން އަންނަ އިރު މިދިޔަ ހަފްތާއެކޭ ވެސް އެއްގޮތަށް ކޮފީ، ބޯފެން އަދި ކިރުގެ އަގުތަކަށް ވަނީ 20 ޕަސެންޓާއި 15 ޕަސެންޓާއި ދެމެދުގެ އަގުތަކަކަށް މައްޗަށް އުފުލިފަ އެވެ.
މިދިޔަ ހަފްތާތެރޭ "ލައިފް" ފެނާއި "ތާޒާ" ފެނުގެ އަގު މައްޗަށް ދިޔަ ގޮތަށް މިހަފްތާގެ ތެރޭ މައްޗަށް ގޮސްފައި ވަނީ "ބޮނަކުއާ" ފެނުގެ އަގެވެ. އެގޮތުން ބޮނަކުއާ ހުރިހާ ސައިޒެއްގެ ފެން ކޭހެއްގެ އަގަށް ވަނީ 12ރ. އިތުރުވެފަ އެވެ. އެހެންވުމުން ކުރިން ތިން ރުފިޔާ އަށް ވިއްކި ފެން ފުޅިއެއް މިހާރު ބާޒާރުގައި އުޅެނީ ހަތަރު ރުފިޔާ އަށެވެ. އަދި ކުރިން ހަ ރުފިޔާ އަށް ލިބުނު ފެންފުޅީގެ އަގު މި ހަފްތާ ތެރޭ ވަނީ ހަތް ރުފިޔާ އަށް މައްޗަށް ޖެހިފަ އެވެ. އަދި ކަންމަތީ ބައެއް ފިހާރަތަކުން އަށެއް އަދި ނުވަޔަކަށް ވެސް މިހާރު ބޮނަކުއާ ފެން ވިއްކަ އެވެ.
މި ހަފްތާ ތެރޭ ކޮފީގެ އަގުތަކަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ކޮފީގެ އަގަށް އައި ބަދަލަށް ބަލާ އިރު ކޮފީ ކޭހެއްގެ އަގު ވަނީ 60ރ. އިން 200ރ. އާ ހަމައަށް ބޮޑުވެފަ އެވެ. އެހެންވުމުން މިހާރު ބާޒާރުގައި ކޮފީ ފުޅިއެއްގެ އަގަށް 15ރ. އާއި ފަސް ރުފިޔާ ވަނީ އިތުރުވެ، ކޮފީގެ އަގު ވަނީ މައްޗަށް ޖެހިފަ އެވެ.
ހިކި ކިރުގެ އަގުތައް މި ހަފްތާގައި ބޮޑުވި ގޮތަށްބަލާ އިރު ކުރިން 130ރ. އަށް ވިއްކި އެންމެ ބޮޑު ކޯސްޓް ކިރު ދަޅެއް މިހާރު ލިބެނީ 230ރ. އަށެވެ. ދިޔާ ކިރުގެ އަގު ވެސް މިހަފްތާގައި ވަނީ ބޮޑު ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބާޒާރުގައި ލިބެން ހުރި ބްރޭންޑެޑް ކިރުގެ އަގުތައް ވަނީ 60ރ. އަށް ބޮޑުވެ ވަކި ދަޅެއްގެ އަގު ވަނީ ދެތިން ރުފިޔާ އަށް މައްޗަށް ޖެހިފަ އެވެ.
އާންމު ބޭނުންތަކަށް ގިނަ އަދަދަކަށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ޖޫސްތަކުގެ އަގުތަކަށް ވެސް ވަނީ 15 ޕަސެންޓް ބޮޑުވެފަ އެވެ. އެގޮތުން ޕެކެޓް ޖޫހާއި އަދި ފުޅީގައި ހުންނަ ޖޫސްތަކުގެ އަގުތައް ވަނީ 50ރ. އަށް ބޮޑުވެފަ އެވެ. އެގޮތުން ކުރިން 60ރ. އަށް ވިއްކި އާދައިގެ ޖޫސްޕެކެޓާއި ފުޅިތަކުގެ އަގު ވަނީ އެވްރެޖްކޮށް ފަސް ރުފިޔާ ބޮޑުވެ، 65ރ. އަށް އުފުލިފަ އެވެ.
މިހަފްތާގައި މުޅިން އަލަށް ވަނީ ތަރުކާރީގެ އަގުތައް ވެސް މައްޗަށް ގޮސްފަ އެވެ. އެގޮތުން ތަރުކާރީ ކިލޯ އަކުން 15ރ. އާއި ވިހި ރުފިޔާ އާއި ދެމެދުގެ އަގުތަކަކަށް ތަރުކާރީގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހޮޓާ ރެސްޓޮރަންޓް ފަދަ ތަންތަނުގެ މެނޫތަކުގެ އަގުތައް ވަނީ 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދަށް ބޮޑުކޮށްފަ އެވެ.
ސަރުކާރުގެ ވައުދު ކަމުގައިވާ ތަކެތީގެ އަގުތައް އަތްފޯރާ ފަށަށް ގެނައުމަށް ވި ވައުދާ ހިލާފަށް ތަކެތީގެ އަގުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ އިރު ކަސްޓަމްސް އިން އިއްޔެ ވަނީ އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ހިސާބުކުރުމުގައި ގެންގުޅޭ ޑޮލަރު ރޭޓަށް އަންނަ މަހުން ފެށިގެން 1.25ރ. ބޮޑުކޮށް އެ އަދަދު 14.10 ރ. އަށް ބޮޑުކޮށްފަ އެވެ.
އެއާއެކު ތަކެތީގެ އަގުތައް ބާޒާރުގައި އިތުރަށް އުފުލޭނެ ކަމަށް އިގްތިސޯދީ މާހިރުން ލަފާކުރައްވަ އެވެ. އަގުތައް ބޮޑުވުމާ އެކު އަންނަ ހުކުރު ދުވަހު ދިވެހި ޒުވާނުން އަންނަނީ ހޮނިހިރު ދުވަހުގެ ރޭ ނުރުހުން ފާޅުކުރުމަށް މަގުތަކަށް ނިކުންނަން ތައްޔާރުވަމުންނެވެ. ރައްޔިތުން ރަތަށް އަރާ މި ދަނޑިވަޅުގައި ޑޮލަރުގެ އައު ކަޅު ބާޒާރެއް އުފެދި 16ރ. އަށް އަދި 18ރ. އަށް ވެސް ޑޮލަރު ވިއްކާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.