ރާއްޖޭގެ ސިއްހީ ދާއިރާ އަށް މިއަދު އައިސްފައިވާ ކުރިއެރުމަކީ ޕްރައިމަރީ ހެލްތުކެއާ އަށް ދީފައިވާ ސަމާލުކަމުގެ ނަތީޖާ ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

ދަމަނަވެށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމުން އަންނަ ކަމަށާއި ރާއްޖެއަކީ ވެކްސިން ދިނުމުގައި ވެސް ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ.

"ވެކްސިން ވެސް ދިނުމުގައި އެ އިންތިޒާމުތައް ރާވައި ވެކްސިން ހޯދުމުގައި ވެސް ވަރަށް ބުރަ މަސައްކަތްތަކެއްކޮށް އަދި އާއްމު ރައްޔިތުންނަށް ހޭލުންތެރިކަމުގެ ޕްރޮގުރާމްތައް ދެވި ވެކްސިން ދެވެމުން މި ދަނީ. ވެކްސިންދެވޭ އެއް ގައުމުގެ ތެރެއިން 99 ޕަސެންޓް ފާހަގަކުރެވޭ ރާއްޖެ އިން ހާސިލްކޮށްފައިވާ ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އދ. އިން ކަނޑައަޅާފައިވާ ސިއްހަތާ ގުޅުން ހުރި ގިނަ ލަނޑުދަނޑިތައް ރާއްޖެ އިން ހާސިލްކޮށްފައިވާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ޕްރައިމަރީ ހެލްތުކެއާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ޕްރައިމަރީ ހެލްތުކެއާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި ވެސް އަދާކުރައްވާ މަސައްކަތްތައް އަޅުގަނޑަށް ހީވަނީ ފާހަގަކޮށްލަން ޖެހޭ. ވަރަށް ގިނަ ގުނަ ގޮންޖެހުންތަކަކާ އެކު އެހެންނަމަވެސް މި ވަނީ ހަމަ ވަރަށް ރަނގަޅު ރިޒަލްޓްސްތަކެއް އެޗީވް ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށް ޓާޝަރީ ހެލްތު ކެއާގެ ހިދުމަތް ފޯރުކޮށް ނުދެވުނު ނަމަވެސް ޕްރައިމަރީ ހެލްތުކެއާ އަކީ މާއްދީ ގޮތުން ވަރަށް މުހިއްމު ސިއްހީ ހިދުމަތްތަކެއް ކަމަށެވެ.

"މި ހިދުމަތް ދިނުމަށް ދަމަނަވެށީގައި މިވަނީ އާބަން ހެލްތު ކެއާ، ޕްރައިމަރީ ހެލްތު ކެއާގެ އިންތިޒާމެއް ރާވައި މިތަނުން މި ހިދުމަތް މި ދެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.