22 Mar 2016, 12:29
މިޔަންމާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޓިން ކިޔޯ އެކުލަވާލާ ފުރަތަމަ ވަޒީރުންގެ މަޖިލީހުގައި ހިމަނާނެ ވަޒީރެއްގެ ގޮތުގައި، އެ ގައުމަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރެއްވި ލީޑަރު އަން ސަން ސޫކީގެ ނަން ހުށަހަޅައިފި އެވެ.
ސޫކީ ރައީސްކަން ކުރައްވާ މިޔަންމާގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ އިން ރައީސް ކަމަށް ކުރިމަތިލި، އަދި ސޫކީގެ އަރިސް ބޭފުޅެއް ކަމުގައިވާ ޓިން ކިޔޯ، އޭނާގެ ކެބިނެޓަށް އައްޔަނު ކުރުމަށް 18 ބޭފުޅެއްގެ ނަން ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ ލިސްޓުގައި ސޫކީގެ ނަން ހިމެނުނު ނަމަވެސް، ސޫކީ އަށް ހަވާލު ކުރާނެ މިނިސްޓީރިއަލް ޕޯޓްފޯލިއޯ ހިމަނާފައެއް ނުވެ އެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި، ސޫކީ އަށް ހަވާލު ކުރާނީ ޚަރިޖީ ދާއިރާ އާއި ހަކަތަ އާއި ތައުލީމީ ދާއިރާ ބަލަހައްޓަވާނެ، ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމެވެ.
މިޔަންމާގައި ބޭއްވި އާންމު އިންތިޚާބުގައި، ސޫކީގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބުނު ނަމަވެސް، ސޫކީ އަށް އެ ގައުމުގެ ރައީސްގެ މަގާމަށް ވަޑައިގަނެވޭނެ ގޮތް ވަނީ ނުވެފަ އެވެ. ސަބަބަކީ، ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ލިޔެވިފައި ވާތީ އެވެ. ސޫކީގެ ނިޔާވެފައިވާ ފިރިމީހާއަކީ އިނގިރޭސި ރައްޔިތެކެވެ. އަދި އެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރީންނަކީ ވެސް އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ ދަރީންނެވެ.
ސޫކީއަށް މިޔަންމާގެ ރައީސާގެ މަގާމަށް ވަޑައިގަނެވޭ ގޮތް ނުވި ނަމަވެސް، އޭނާ ބުނެފައި ވަނީ، ޕްރޮކްސީއެއްގެ ދަށުން އެގައުމުގައި ވެރިކަން ކުރައްވާނީ އޭނާ ކަމަށެވެ.
މަސްދަރު: ބީބީސީ