ސ. ހުޅުދޫ ލިލީލާގޭ އަބްދުﷲ ފަރުހާދު މަރާލުމުގެ ކުށުގައި ގ. ރީފް މުހައްމަދު ނަބީލަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި ތާވްކޮށްފިއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފަރުހާދަށް ކަޓަރު ތިލައަކުން ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ޖެހިގެންއައި ދުވަހުގެ ވަގުތެއްގައެވެ. ކްރިމިނަލް ކޯޓުން ނަބީލަށް ކުރީގެ ޖިނާއީ ކޯޓުން މަރުގެ ހުކުމް އިއްވީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ނަބީލްގެ ފަރާތުން އެ ހުކުމް އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ދެހާސް ނުވަ ވަނަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހުގެ ރޭގެވަގުތެއްގައި ފަރުހަދު މަޖީދީމަގުން ނަލަހިޔާ ހޮޓެލް ކައިރިން ހިނގާފައި ދަނިކޮށް ނަބީލް އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭނާ ހިފަހައްޓައި ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ "ޔޫއެން ޕާކަށް" ވެއްދުމަށްފަހު އޭނާއާ މެދު މާރާމާރީ ހިންގި ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ވަނީ ޔޫއެން ޕާކަށް ވެއްދުމަށްފަހު ނަބީލުގެ އަންހެން ކޮއްކޮ އާމިނަތު ނިއުމާއާ ފަރުހަދު ބެހުނުތޯ ސުވާލުކުރުމުން އޭނާ ނުބެހޭ ކަމަށް ބުނުމުން އަތުންނާއި ފައިން ތަޅައި އެ އެންމެން ފަރުހާދާ މެދު މާރާމާރީ ހިންގި ކަމަށެވެ. އެވަގުތު އެމީހުންގެ ކިބައިން ސަލާމަތްވާންވެގެން ފަރުހާދު ދުވެފައި ދަނިކޮށް ނަބީލު އެއްލާލި ކަޓަރުތިލައެއް ފަރުހާދުގެ ބުރަކައްޓަށް ހެރިފައިވާ ކަމަށާއި އޭނާ މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ފަރުހާދު ގަޔަށް ކަޓަރު ހެރިކަމަށް ބުނެ ނަބީލު ވަނީ ފުލުހުންގެ ތަހުގީގަށް ބަޔާންދީފަ އެވެ. އަދި އޭނާގެ އަންހެން ކޮއްކޮ ނިއުމާ ވެސް ވަނީ ކަޓަރު ހެރި މަންޒަރު ފެނުނުކަމަށް ބުނެ ތަހުގީގުގަށް ބަޔާން ދީފަ އެވެ. ނަމަވެސް ފަހުން ޝަރީއަތުގެ މަޖިލީހުގައި ވަނީ ނިއުމާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ޖިނާއީ ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ އެމައްސަލަ ސާބިތުކުރުމަށް އެކަށީގެންވާ ހެކި ދައުލަތުން ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަން އެނގެން އޮއްނަ ކަމަށެވެ.

އެގޮތުން ނަބީލު ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި އޭނާގެ އަންހެން ކޮއްކޮ ނިއުމާ ތަހުގީގަށް ދީފައިވާ ބަޔާނުގައި ކަން ހިގައި ދިޔަގޮތް ކިޔާދީފައިވާ ގޮތާއި ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހުންގެ ހެކިބަހާ އެއްވެސް ފުށުއެރުމެއް ނެތް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ނަބީލު ބުނެފައި ވަނީ ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ސޮއިކުރީ ބިރުން ހުރިވަރުން ބަޔާން ނުކިޔައި ކަމަށެވެ. ނަމަވެސް ނަބީލު ބަޔާނުގައި ސޮއިކުރުމުގެ ކުރިން ބަޔާން ވަރަށް ގިނައިރުވަންދެން ކިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ކަމަަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ނަބީލުގެ ކޮއްކޮ ފުލުހުންނަށް ދިން ބަޔާނަށް ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށް ބަޔާނުގައި ސޮއިކުރީ ނުކިޔާ ކަމަށާއި ނަބީލުގެ ބައްޕަވެސް ބަޔާން ކިޔާފައި ނުވާކަމަށް ބުނި ނަމަވެސް އެދެމީހުންވެސް ބަޔާންކިޔާތަން ވީޑިއޯއިން ފެންނަ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

އަދި ނިއުމާ އާނާގެ ބޭބެ ނަބީލާ ގުޅޭގޮތުން ފުލުހުންނަށް ބަޔާން ދިންއިރު ދޮގުވާހަކަ ދައްކަންވީ އެއްވެސް ސަބަބެއް އޮތްކަން ޖިނާއީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެއްކިފައިނުވާކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.