ސަރުކާރުގެ ފަރާތުން ބޭރު ދުނިޔޭގައި ވަކާލާތު ކުރުމަށް ކުރިން ކަނޑައަޅާފައި ހުންނެވި ވަކީލު ޗެރީ ބްލެއާގެ އޮމްނިއާ ސްޓްރެޓެޖީ އަށް ފައިސާ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް، ފައިސާ ފޮނުވި އިރު އެއީ ކޮން ފައިސާއެއް ނޭނގޭ ކަމަށް، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި މައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ބުނެފި އެވެ.

އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ މޮހޯ، ސްކައިޕް މެދުވެރިކޮށް ޑެއިލީ މެއިލް އަށް ދިން އިންޓަވިއު އެއްގައި ބުނެފައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ޗެރީ ބްލެއާގެ ލޯ ފާމް އޮމްނިއާގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން 210،000 ޕައުންޑް ޓްރާންސްފާކޮށްފައި ވާނެ ކަމަށެވެ.

"އެއީ ކޮންތާކުން އައި ފައިސާ ކަމެއް އޭރު ނޭނގޭ. އެކަމަކު ރާއްޖޭގައި އޭގެ ފަހުން ހިނގައިގެން ދިޔަ ކަންތައްތަކަށް ފަހު އެނގިއްޖެ އެއީ ވަގަށް ނަގާފައިވާ ފައިސާކަން. ސަރުކާރުން ވެސް އެބަ ބުނޭ އެއީ ވައްކަމުގެ ފައިސާ ކަމަށް،" މޮހޯ ބުނެފައިވެ އެވެ.

މުހައްމަދު އައްލާމް ލަތީފް ސްކައިޕް މެދުވެރިކޮށް ޑެއިލީ މެއިލް އަށް އިންޓަވިއު ދެނީ

ޗެރީ ބްލެއާ އަށް މުހައްމަދު އައްލާމް ލަތީފު (މޮހޭ)ގެ ކުންފުނި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ދެލައްކަ އަށް ވުރެ ގިނަ ޕައުންޑް ދައްކާފައިވާ ކަމަށް ބުނާ މައްސަލަ ފެންމަތިވީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

އެކަމާ ގުޅިގެން އޮމްނިއާ އިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަކަށް އެހެން ބަޔަކު ފައިސާ ދެއްކި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

މަހެއްގެ މައްޗަށް 2000 ޕައުންޑު ދިވެހި ސަރުކާރުން ދެއްކުމަށް އެއްބަސްވެ އޮމްނިއާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ އެ ލޯ ފާމުން މަސައްކަތް ކުރާނީ ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރުމާއި، ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރުމާއި، ޒިންމާދާރުވުން ހަރުދަނާކުރުމަށް އެހީތެރިވުމަށް ކަމަށެވެ.

ޓޯނީ ބްލެއާގެ އަނބިކަނބަލުން ޗެރީ ބްލެއާ. ގާނޫނީ ލަފާދިނުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ޗެރީ ރިޔާސަތު ބަލަހައްޓާ ކުންފުންޏާ. ފޮޓޯ: ހަފިންޓަން ޕޯސްޓް

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން ބައެއް ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ.

ޑެއިލީ މެއިލް އާ ވާހަކަ ދައްކަމުން މޮހޯ ބުނެފައި ވަނީ އޭނާގެ މައްޗަށް ސަރުކާރުން ކޮށްފައިވާ އެއްވެސް ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ ބޭނުންކޮށްފައި ވަނީ ހުރިހާ ކުށެއްގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވާނެ ގޮތަކަށް ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ނުރައްކާތެރި ހަތިޔާރުން ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ފިސްތޯލައިގެ ވިޔަފާރި ކުރުމުގެ އިތުރުން ޓެރަރިޒަމްގެ ކުށެވެ.

"އަހަރެން ބޭނުންކޮށްގެން ހުރިހާ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތެއް ކުރީ އަހަރެންނަށް އޮޅުވާލައިގެން،" މޮހޯ ބުނެފައިވެ އެވެ.

މޮހޯ ބުނީ ފައިސާ އަށް ވީގޮތް އެނގޭނީ ދިވެހި ސަރުކާރުގެ އިސްވެރިންނަށް ކަމަށާއި، ސަރުކާރަކީ "ކޮރަޕްޓް ވެފައިވާ" ސަރުކާރެއް ކަމަށެވެ.

"ރައީސް ޔާމީން ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ކުރަން ޖެހޭ ފައިސާގެ މުއާމަލާތެއް ކުރުމަށް ބްރޯކަރެއްގެ ރޯލު އަދާކުރުމަށް 2014 ވަނަ އަހަރު އަހަންނަށް ހުށަހެޅީ އޭރުގެ ނައިބު ރައީސް،" އަދީބާ ގާތް ގުޅުމެއް އޮންނަ މޮހޯ ބުނެފައިވެ އެވެ.

ސަރުކާރުން ފައިސާ ފޮނުވަން ޖެހޭ މީހުންނަށް ފައިސާ ފޮނުވުމަކީ މަނާކަމެއް ނޫންކަމަށް ވުމުން، އެ މުއާމަލާތުގައި ވެސް ގޯހެއް އުޅޭކަމަށް ނުފެނުމުން އިތުރަށް ސުވާލެއް ކޮށްފައި ނުވާނެ ކަމަށް މޮހޯ ވަނީ ބުނެފަ އެވެ. މޮހޯ ބުނީ "ބާރުގަދަ މީހުން" ކުރާ ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށް މާބޮޑަށް އޭގެތެރެއަށް ވަންނަން މަސައްކަތް ކޮށްފި ނަމަ، ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ.

އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައި ވާތީ، އޭނާގެ އާއިލާގެ ސަލާމަތާއި އޭނާގެ އަމިއްލަ ފުރާނައިގެ ބިރަށް އޭނާ ހުރި ތަނެއް ހާމަ ކުރުމަށް ދެކޮޅު ހަދާފަ އެވެ. މޮހޯ ބުނީ އެނބުރި ރާއްޖެ އައިސްފި ނަމަ އިންސާފުވެރި ޝަރީއަތެއް ވެސް ނުލިބޭނެ ކަމަށެވެ.

"އެމީހުން އަހަރެން ރާއްޖެ ގެންދަން ބޭނުންވަނީ އަހަރެންގެ އަނގަ ބަންދު ކުރުމަށް. އަހަރެން އަލުން ރާއްޖެ ހިނގައްޖެ ނަމަ، އަހަރެންގެ ފުރާނައަށް ނުރައްކާވާނެ ކަމުގެ ބިރު އެބައޮތް. އަދި އިންސާފުވެރި ޝަރީއަތެއް ވެސް ނުލިބޭނެ ކަމުގެ ބިރު އެބަ އޮތް. އިންސާނީ ހައްގެއްވެސް ނުލިބޭނެ،" އޭނާ ބުންޏެވެ.