ސަރުކާރުން މާބޮޑަށް ތިމާވެށީގެ ވާހަކަ ދައްކަން ފެށުމުން އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ކުރިއެރުވުމުގެ މަތިން ހަނދާން ނެތިފައިވާ ކަމަށް ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވިދާޅުވެއްޖެ އެވެ.

ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްލަމް ޝާކިރު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން ދެމެހެއްޓެނިވި ތަރައްގީއަށް ޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، މާ ބޮޑަށް ތިމާވެށީގެ ވާހަކަ ދައްކަން ފެށުމުން ސަރުކާރުން އެންމެ ބޮޑަށް ބޭނުންވި ދެ އަސާސްގެ މަތިން ހަނދާން ނެތިފައިވާ ކަމަށެވެ. ސަރުކާރުން ތިމާވެއްޓަށް ހަމައެކަނި ފޯކަސް ކުރުމުން ދިރިއުޅުމުގެ މަގުސަދުތަކުގެ މަތިން ވެސް ހަނދާން ނެތިފައިވާ ކަމަށް ވެސް އަސްލަމް ޝާކިރު ވިދާޅުވި އެވެ.

"މާބޮޑަށް ތިމާވެށީގެ ވާހަކަ ދެކެވެންފެށީ. އަޅުގަނޑުމެން ހަގީގަތުގައި ބޭނުންވެގެން މިއުޅޭ ދެ އަސާސްތަކުގެ މަތިން ހަނދާން ނެތުނީ. އިގްތިސާދީ ކުރިއެރުމާއި އަޅުގަނޑުމެންގެ ސޯޝަލް ކުރިއެރުން، ނައްތާލައިފައި ތިމާވެއްޓާ އުޅެން ފަށާފައިފިއްޔާ ސަސްޓޭނަބުލް ޑިވެލޮޕްމަންޓަކަށް ނުދާނެ. ތިމާވެށި އަޅުގަނޑުމެން ފޯކަސް ކުރަން ފަށާފިއްޔާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މަގުސަދު ހަނދާން ނެތިގެން މިދަނީ،" އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް ފަހު ނަން އަނބުރާ ގެންދެވި އަސްލަމް ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައްކޮށް ރޭވުމަށްޓަކައި ސަސްޓޭނަބުލް ޑިވޮލޮޕްމަންޓް ކޮމިޝަނެއް އުފައްދަން ޖެހޭނެ ކަމަށާއި ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިން، އެފަދަ ކޮމިޝަނަކަށް ހެދުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެހެނިހެން ވުޒާރާތަކުން ދެމެހެއްޓެނިވި ތަރައްކީއަށް ޓަކައި މަސައްކަތް ކުރުމުގެ ބަދަލުގައި ސަސްޓޭނަބުލް ޑިވޮލޮޕްމަންޓް ކޮމިޝަނުން ސަރުކާރުގެ ވުޒާރާތަކަށް އެކަމުގެ އިރުޝާދީ ތަރައްގީއަށް ޓަކައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް މިފެންނަނީ އެންވާރަމަންޓް މިނިސްޓްރީން ވަރަށް ބޮޑަށް ސަސްޓޭނަބްލް ޑިވެލޮޕްމަންޓްގެ ވާހަކަ ދައްކަމުންދާތަން. އެއީ އެއްވެސް ގޮތަކަށް އެންވަރަމަންޓް މިނިސްޓްރީ އަށް ހާއްސަވެގެންވާ ކަމެއް ނޫން. ސޯޝަލް، އެކޮނޮމިކް، ތިމާވެށީގެ ގޯލްސްތަކެއް ވެސް އެބަހުރި. މިހުރިހާ އެއްޗެއް ބެލެންސްކޮށް ދިޔާމަ އަޅުގަނޑުމެން މިދައްކާ ވާހަކަ ހަގީގަތަކަށް ހެދޭނީ. އެހެންވީމަ މިކަންތައް ކުރިއަށް ދިއުމުގައި މިސްރާބުގެ މައްސަލައެއް އެބައުޅޭ،" އެންވާރަމެންޓް މިނިސްޓާ މުހައްމަދު އަސްލަމާ ދެކޮޅަށް އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ނުކުންނެވުމަށްފަހު ކެންޑިޑެސީ އަނބުރާ ގެންދެވި އަސްލަމް ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަން ޖެހޭ ކަމަށާއި އެއީ ނުސީދާކޮށް ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ތަރައްގީ އަށް ޓަކައި ސަސްޓޭނަބުލް ޑިވޮލޮޕްމަންޓް ކޮމިޝަނުންތައް އުފެއްދުމަކީ ސަރުކާރަށް ނޭނގިފައިވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.