22 Mar 2016, 11:59
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީސް ކުންފުނި އެޕަލްއިން އެ ކުންފުނީގެ އެންމެ ފަހުގެ ދެ އީޖާދު ކަމުގައިވާ، އެޕަލް އައިފޯން އެސްއީއާއި، އައިޕެޑް ޕްރޯގެ އާ ވާޝަން ދައްކާލައިިފި އެވެ. އެޕަލްއިން މި ދެ އައު ޕްރޮޑަކްޓް ދައްކާލާފައި ވަނީ، ރޭ އެމެރިކާގެ ސަން ފްރަންސިސްކޯގައި ބޭއްވި އިވެންޓެއްގަ އެވެ.
އައިފޯން އެސްއީއަކީ، އާދައިގެ އައިފޯނަށް ވުރެ ސައިޒުން ކުޑަ ފޯނެކެވެ. ނަމަވެސް މި ފޯނުގެ ޕްރޮސެސަރާއި ގްރެފިކްސްއަކީ، އައިފޯން 6އެސްގައި ވެސް ހުންނަ ޕްރޮސެސަރާއި ގްރެފިކްސް ކަމަށް އެޕަލްއިން ބުނެ އެވެ. މީގެ އިތުރުން މި ފޯނުން 4 ކޭ ކޮލިޓީގައި ވީޑިއޯ ކެޕްޗާ ކުރެވެ އެވެ.
އެޕަލްއިން ބުނާ ގޮތުގައި އައިފޯން އެސްއީ ވިއްކަން ފަށާ އަގަކީ 399 އެމެރިކާ ޑޮލަރުންނެވެ.
އެމެރިކާގެ ސެން ބާރނީޑޯގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއަކާ ގުޅިގެން ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް އެޕަލް ކުންފުނި ތަދައްޚުލް ވެފައިވާ އިރު، މި މައްސަލައާ ގުޅިގެން ވެއްޓިފައިވާ އެޕަލް ކުންފުނީގެ އަގު، އައިފޯން އެސްއީގެ ސަބަބުން އަރައިގެން ދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ، އައިފޯން އެސްއީ އަކީ އެޕަލްއިން މިހާތަނަށް އުފެއްދި އެންމެ އަގުހެޔޮ ފޯނަށް ވުމެވެ.
ހަތަރު އިންޗީގެ ސްކްރީނެއް ހުންނަ އައިފޯން އެސްއީއަކީ، އައިފޯން 5އެސްއާ ބޭރު ފުށުން ވައްތަރު، ސައިޒުން ކުޑަ ފޯނެކެވެ.
މި ފޯނު، ކުރިޔަށް އޮތް މެއި މަހުގެ ފަހުކޮޅު ދުނިޔޭގެ 110 ގައުމެއްގެ ބާޒާރުގައި ލިބެން ހުންނާނެ ކަމަށް އެޕަލްއިން ބުނެ އެވެ.
އައިފޯން އެސްއީގެ އިތުރުން، އެޕަލްއިން ރޭ ވަނީ އައިޕެޑް ޕްރޯގެ ސައިޒުން ކުޑަ ވާރޝަންއެއް ވެސް އިއުލާން ކޮށްފަ އެވެ. މި އައިޕެޑް ޕްރޯގައި ހުންނަނީ 9.7 އިންޗީގެ ސްކްރީނެކެވެ. އެހެންކަމުން ރޭ އިއުލާނު ކުރެވުނު އައިޕެޑް ޕްރޯއަކީ، 12.9 އިންޗީގެ ސްކްރީން ހުންނަ ކުރީގެ އައިޕެޑް ޕްރޯއާ އަޅަ ބަލާއިރު 3.2 އިންޗި ކުޑަ އައިޕެޑެކެވެ.
ރޭ ރިލީޒް ކުރެވުނު އައިޕެޑް ޕްރޯގެ ހަތަރު ކުލައެއް ހުރެ އެވެ، އެއީ ރިހި ކުލައާއި، ރަން ކުލައާއި، ސްޕޭސް ގްރޭ ކުލައާއި ރޯޒް ގޯލްޑް ކުލަ އެވެ. މި އައިޕެޑް ވިއްކަން ފަށާ އަގަކީ 599 އެމެރިކާ ޑޮލަރެވެ. އަދި 256 ޖީބީގެ މެމަރީ ހުންނަ ވާރޝަން ވިއްކާ އަގަކީ 899 އެމެރިކާ ޑޮލަރެވެ.
ރޭގެ އިވެންޓްގައި، އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ، އެޕަލްއިން އުފައްދާ އަތުކުރި ގަޑި "އެޕަލް ވޮޗް"ގެ އަގު، 299 އެމެރިކާ ޑޮލަރަށް ދަށް ކުރެވޭނެ ކަމަށެވެ.
މަސްދަރު: ބީބީސީ، ޓެކް ކްރަންޗް، ފޯރޗުން، ދަ ވާރޖް.