ފުރާވަރު ކުދިންނާ ރައްޓެހި މާހައުލެއްގައި އެކުދިންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަމަނަ ވެށީގައި ކުލިނިކެއް ހުޅުވައިފި އެވެ.

ފުރާވަރު ކުދިންގެ ކުލިނިކު ހުޅުވުމަށް މިއަދު ދަމަނަވެށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ފުރާވަރު އުމުރުގެ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ އަދި އިޖުތިމާއީ ގޮތުން ގިނަ ބަދަލުތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

ދަމަނަ ވެށީގައި ފުރާވަރު ކުދިންގެ ކުލިނިކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން ހެލްތު މިނިސްޓަރު ވާހަކަ ދައްކަވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

"ދިވެހިރާއްޖޭގެ އާބާދީގެ 40 ޕަސެންޓަކީ ފުރާވަރު ކުދިން. އަދި ހަށިގަނޑަށާއި ސިއްހަތަށް އަންނަ ބަދަލުތައް، ދުޅަހެޔޮ ސިއްހަތަކަށް ގިނަ ގުނަ މަސައްކަތްތަކެއްކޮށް މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުރާވަރު އުމުރުފުރާގެ ކުދިންނަށް ޖެހޭ ބަލިތަކާއި ޖިންސީ ގުޅުންތަކުން ޖެހޭ ބަލިތަކުގެ ނުރައްކާތެރިކަން އިތުރު ވަމުން އަންނަ ކަމަށެވެ. އަދި އެ އުމުރުފުރާގެ ކުދިން މަސްތުވާތަކެތީގެ ވަބައިގައި ޖެހުން ފަދަ މައްސަލަތަކަށް ސިއްހީ ދާއިރާގައި ފިޔަވަޅު އަޅާ ހޭލުންތެރި ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުޖުތަމައުގައި ހުންނަ މިފަދަ ގޮންޖެހުންތަކަށް ކުއްޖާ ތައްޔާރު ކުރެވިފައި ނުވާ ނަމަ ދިމާވެދާނެ ސިއްހީ މައްސަލަތަކުން ކުރިމަގަށް ވަރަށް ބޮޑު އަސަރުތަކެއް ކުރާނެ، މި ކަންތައްތަކެއް ހައްލެއް ގެންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފުރާވަރު ކުދިންނަށް ދިމާވާ ކަންތައްތަކަށް ފިޔަވަޅު އަޅާނެ ގޮތްތަކާ ގުޅޭ ގޮތުން ޒުވާނުންނާ ރައްޓެހި ގައިޑުލައިނެއް ހަދާފައިވާ ކަމަށެވެ.

"މިހާރު މިވަނީ ނޭޝަނަލް ސްޓޭންޑާޑު ފޯ އެޑޮލެސެންސް އެންޑް ޔޫތު ޕްރިވެންޓު ގައިޑްލައިން އެއް ހެދިފައި. މީގެ މަގުސަދަކީ މިކަހަލަ އެޑޮލެސެންސް އަށް ދިމާވާ މައްސަލަތަކަށް ފިޔަވަޅުއަޅާނެ ގޮތެއް ރާއްޖޭގެ ހުރިހާ ވުޒާރާއަކުން އެޖެންސީތަކުން އަދި މިނިވަން އެކިއެކި މުއައްސަސާތަކުންވެސް. ބައްލަވާ ފިޔަވަޅު އަޅަން ޖެހޭ ގައިޑުލައިނެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދަމަނަ ވެށީގައި ފުރާވަރު ކުދިންގެ ކުލިނިކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ

މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގައި ހުޅުވި ފުރާވަރު ކުދިންގެ ކުލިނިކުން ވެސް ވަރަށް ބޮޑު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެހެނިންހެން ހިސާބުތަކުގައި ވެސް އެފަދަ ކުލިނިކުތަކުގެ ހިދުމަތް ގާއިމުކޮށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދަމަނަވެށީގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ.އައިޝަތު އަރޫނާ ވިދާޅުވީ، ދަމަނަ ވެއްޓަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކާއި މާލެއަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްދޭ އެންމެ މުހިއްމު މަރުކަޒު ކަމަށެވެ.

"ދަމަނަވެށީގައި އާ ހިދުމަތެއް މި ފެށިގެންދަނީ، އެޑޮލެސެންޓު ހެލްތު ކުލިނިކު. އަދި ރާއްޖޭގެ ވަރަށް ބޮޑު ޕޮޕިއުލޭޝަނަކަށް އެންމް މުހިއްމު ފުރާވަރު އުމުރުގެ ކުދިންނަށް ޒުވާނުންނަށް މި ހިދުމަތް ފުޅާވެގެން ދަނީ ދަމަނަ ވެށީގެ ފަރާތުން،" ޑރ.އައިޝަތު އަރޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަމަނަވެށީގައި ހުޅުވުނު ފުރާވަރު ކުދިންގެ ކުލިނިކުން ހިދުމަތްދޭނީ ކޮންމެ އަންގާރަ ދުވަހެއްގެ މެންދުރު ފަހު 02:00 އިން ހަވީރު 05:30 ކަމަށެވެ.

"ފޯރުކޮށްދެވޭ ހިދުމަތްތެރޭގައި ހިމެނޭނެ ފުރާވަރު ކުދިންނަށް މުހިއްމު ބައެއް ހިދުމަތްތައް. ފުރާވަރު އުމުރުގެ ކުދިންނަށް މެޑިކަލް ޗެކްއަޕް ހެދުން. ސްޕެޝަލިސްޓަކަށް ރިފާ ކުރަން ޖެހޭ ނަމަ ރިފާކޮށްދިނުން، އަދި ބީއެމްއައި ޗެކު ކުރުމާއި ސިއްހީ މިންގަނޑުތައް ބެލުން، ތެލެސީމިއާ ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖައްސައި ދިނުން، ވެކްސިން ދިނުން،" ޑރ.އައިޝަތު އަރޫނާ ވިދާޅުވި އެވެ.

ދަމަނަވެށީގައި ހުޅުވި ފުރާވަރު ކުދިންގެ ކުލިނިކުން ހިދުމަތްދޭނީ އުމުރުން 10 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށެވެ.