22 Mar 2016, 11:34
މާފަންނުގައި ހުރި އިމާރާތެއްގައި މަސައްކަތް ކުރަމުން ދަނިކޮށް، އެ އިމާރާތުގެ މަތިން ވެއްޓުނު ސިމެންތި ބާލިދީ އަކުން ޖެހި ތިރީގައި ހުރި ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
މ. ޕެރީވިންކްލް ކިޔާ ގެއިން ވެއްޓުނު ބާލިދީން ޖެހިފައި ވަނީ ބިދޭސީ މީހާގެ ކަނދުރާގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ޒަހަމްވި މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ އިރު، އެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
"ކަނދުރާގައި ބާލިދީ އަކުން ޖެހުނީ. ކްރިޓިކަލް އެއް ނޫން. އެކަމަކު ޑޮކްޓަރު އަންގަވާފަ ވަނީ ޕޭޝަންޓަށް އޮބްޒަވޭޝަން އަށް މަޑުކޮށްލަން،" އޮފިޝަލް ވިދާޅުވި އެވެ.
**** ނޯޓު:ކުރިން އިމާރާތެއްގެ ދެވަނަ ބުރިން މީހަކު ވެއްޓުނު ކަމަށް ލިޔެވިފައި ވަނީ ލިބުނު މައުލޫމާތު ގޯސްވުމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުރިން ހާދިސާ ރިޕޯޓު ކުރި އިރު އެފަރާތަށް ލިބުނު މައުލޫމާތުވެސް ގޯސް ކަމަށެވެ.