ޖޯ ހާޓް އަނިޔާގައި ހުރުމުގެ ސަބަބުން ޖަރުމަނާއި ނެދަލެންޑާ ދެކޮޅަށް ނެނގި އިނގިރޭސި ޓީމްގެ ގޯލްކީޕަރަކަށް ބާންލީގެ ކީޕަރު ޓޮމް ހީޓަން ނަގައިފިއެވެ.

މިމަހުގެ 27 ވަނަ ދުވަހު ޖަރުމަނާ ދެކޮޅަށް އިނގިރޭސިން ނިކުންނަ އިރު 30 ވަނަ ދުވަހަ ނިކުންނާނީ ނެދަލެންޑާ ދެކޮޅަށެވެ. އެ ދެމެޗާ ގުޅޭ ގޮތުން އިނގިރޭސި ކޯޗު ރޯއީ ހޮޖްސަން ބުނީ ހީޓަން އަކީ އޭނާ އަށް އާ ކުޅުންތެރިއެއް ނޫން ކަމަށާއި އިނގިރޭސި ގައުމީ ޓީމަށް އޭނާ އަށް މަރުހަބާ ކިޔާ ކަމަށެވެ.

ހާޓްގެ އިތުރުން އެ ދެ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުން އަނިޔާގައި ހުރުމުގެ ސަބަބުން ލިވަޕޫލްގެ ފޯވާޑް ރަހީމް ސްޓާލިން ވެސް ވަނީ ޓީމުން ބާކީކޮށްފައެވެ.

"ސްޓާލިން އާއި ހާޓް އަނިޔާގައި ހުރުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އެ ދެ ކުޅުންތެރިންނަކީ އިނގިރޭސި ޓީމްގައި ވަރަށް މުހިންމު ދެ ކުޅުންތެރިން. އުންމީދު ކުރަނީ މާ ލަސްތަކެއް ނުވެ އަނިޔާ އިން ސަލާމަތްވެ ޓީމައި ގުޅޭނެ ކަމަށް،" ހޮޖްސަން ބުންޏެވެ.

އެ ދެ މެޗަށް އިނގިރޭސިން ނިކުންނައިރު އެ ޓީމްގެ ކެޕްޓަން ވޭން ރޫނީ އަދިވެސް ހުރީ އަނިޔާގައެވެ. އަދި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އިން ސަލާމަތްވެ އަންނަ މަހު ކުރީ ކޮޅުގައި މެންޗަސްޓާ ޔުނައިޓެޑްގެ ފަރިތަކުރުން ތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ޓީމްގެ ކޯޗު ލުއިސް ވެން ހާލް ވަނީ މީގެ ކުރިން ބުނެފައެވެ.

އިނގިރޭސި ސްކޮޑަށް ނެނގި 23 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހުސް އެ ގައުމުގެ ލީގްގައި ކުޅޭ ކުޅުންތެރިންކަން ފާހަގަ ކޮށްލެވެއެވެ.