ވޮޝިންޓަން (މާޗް 22): އެމެރިކާގެ ސެން ބާނަޑީނޯގައި ބަޑިން ހަމަލާދީ 14 މީހަކު މަރާލި، ރިޒްވާން ފާރޫގްގެ އައިފޯނު އެޕަލްގެ އެހީއާ ނުލާ ހުޅުވިދާނެ ގޮތެއް ހޯދިފައިވާ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

އޭގެ ސަބަބުން، ޔޫއެސް ޖަސްޓިސް ޑިޕާޓްމެންޓު (ޑީއޯޖޭ)ގެ އެދުމުގެ މަތިން މާދަން ބާއްވަން ހަމަޖައްސާފައި އޮތް އެޕަލްގެ ކޯޓު އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް އެޕަލް އިން ބުންޏެވެ.

ޑީއޯޖޭ އިން ވަނީ ފާރޫގްގެ ފޯނު ހުޅުވާ ދިނުމަށް އެޕަލްއަށް އަމުރުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެޕަލް އިން ވަނީ އޭގެ ސަބަބުން "ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި ކަންތައްތައް ހިނގަން މެދުވެރިދާނެ" ކަމަށް ބުނެ އަމުރަށް ތަބާވާން ދެކޮޅު ހަދައިފަ އެވެ.

ޕްރޮސިކިއުޓަރުން ވިދާޅުވީ އެޕަލްގެ އެހީއާ ނުލާ އައިފޯނު ހުޅުވިދާނެ ގޮތެއްގެ ލަފާ ދިނީ ސަރުކާރާ ގުޅުން ނެތް "ތިން ވަނަ ފަރާތަކުން" ކަމަށެވެ.

"އެއީ ފާރޫގްގެ އައިފޯނުގައިވާ މައުލޫމާތައް ގެއްލުން ނުވެ ބޭނުންކުރެވޭނެ ގޮތެއްތޯ ބަލަން ޓެސްޓު ކުރަން ޖެހޭ. އެއީ ރަނގަޅު ގޮތެއް ނަމަ [ފޯނު ހުޅުވަން] އެޕަލްގެ އެހީ ބޭނުމެއް ނުވާނެ،" ކޯޓު ލިޔުމެއްގައިވެ އެވެ.

ޑީއޯޖޭގެ ތަރުޖަމާނު، މެލަނީ ނިއުމަން ވިދާޅުވީ އައިފޯނު ހުޅުވާ އާގޮތް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެޕްރިލް 5ގައި ސަރުކާރުން ކޯޓަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޕަލްއިން ވަނީ އެފްބީއައި ބޭނުން ކުރަން އުޅޭ އާއުކުޅުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އައިފޯނުގެ ސެކިއުރިޓީ ސިސްޓަމުން ފާހަގަ ކުރެވުނު އުނިކަމެއް ސަރުކާރުން އެޕަލްއަށް ކިޔާދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެޕަލްއިން ބުންޏެވެ.

ޕާސްވޯޑެއް ޖަހާފައިވާ ފާރޫގްގެ އައިފޯނު ހުޅުވަން އެފްބީއައި އިން މަސައްކަތް ކުރަމުންދަނީ އޭނާ އަކީ އައިއެސްއާ ގުޅުން ހުރި މީހެއް ކަމަށް ބުނެ، އޭނާގެ ފޯނުގައިވާ މުހިއްމު ހެކި ހޯދުމަށެވެ.

އައިފޯނު ސެކިއުރިޓީ ސޮފްޓެވެއާ ހަދާފައި ހުންނަ ގޮތުން ފޯނު ހުޅުވަން 10 ފަހަރު ނުބައި ޕާސްކޯޑު ޖަހައިފި ނަމަ ފޯނުގައި ހުރި ހުރިހާ މައުލޫމާތު ފޮހެވޭނެ އެވެ. އެހެންކަމުން އެފްބީއައި އިން ވަނީ އައިފޯނުގެ ބައެއް ސަލާމަތީ ފިޔާވަޅުތައް ހުރަސްކުރެވޭނެ އޮޕަރޭޓިން ސިސްޓަމްއެއް ހެދުމަށް އެޕަލްއަށް އަމުރުކޮށްފަ އެވެ. (ބީބީސީ)