22 Mar 2016, 11:05
ޕްރިމިއާ ލީގުގެ އެންމެ މުއްސަނދި އެއް ކްލަބް ކަމަށްވާ، މެންޗެސްޓާ ސިޓީއަށް ކުރިއަށް ހޫނު މޫސުމުގެ ޓްރާންފާގައި ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ. އެގޮތުން ޔޫރަޕްގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައިވެސް ފާހަގަކޮށްލެވޭ، ބަޔާން މިއުނިކްގެ މިހާރުގެ ކޯޗް ޕެޕް ގާޑިއޮލާ މިހާރު ވަނީ ސިޓީއާ ހަވާލުވުމަށް ހުރިހާ ތައްޔާރީތަކެއްވެ ނިމިފައެވެ. އަދި ސިޓީން ވަނީ، އެ ކްލަބްގެ ސްކޮޑަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަން ނައްތާލުމަށް ގާޑިއޮލާއަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށްވެސް ނިންމައިފައެވެ.
ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ބޭރުގެ މީޑިއާތަކުން މިހާރުވެސް ދަނީ، ގާޑިއޮލާގެ ވެރިކަން ސިޓީގައި ފެށޭއިރު އެކުލަބަށް ގެންނާނޭ ބަދަލުތަކާގުޅޭގޮތުން އެ ފަރާތްތަކަށް ލިބެމުންދާ މައުލޫމާތުތައް ހިއްސާކުރާން ފަށައިފައެވެ. އެގޮތުން ގާޑިއޮލާއާއި ސިޓީގެ ސްޕޯޓިން ޑައިރެކްޓަރު ޒިކީ ބެގިރިސްޓެއިން މިހާރުވެސް ހޭބޯނާރައި މަސައްކަތްކުރަމުން ދަނީ ޕްރިމިއަ ލީގު، ސްޕެނިޝް ލީގު، ޖަރުމަނު ލީގު އަދި އެނޫންވެސް ޔޫރަޕްގެ ވަރުގަދަ ލީގުތަކަށް ކުޅޭ ކުޅުންތެރީންގެ އެޖެންޓުނަށް ގުޅައިގެން އެ ކުޅުންތެރީންގެ ތެރޭން ސިޓީއަށް ގެނެވޭނެ ކުޅުންތެރީންގެ މައުލޫމާތު އެއްކުރަމުން ކަމަށް ގޯލް.ކޮމްއިން ރިޕޯޓްކޮށްފައި ވެއެވެ.

ބޮރޫޝިއާ ޑޯޓްމަންޑުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން--
އިއްތިހާދު ސްޓޭޑިއަމްގެ އިސް ބައެއް ފަރާތްތަކުން ބޭނުންވަނީ، އަންނަ ޖޫން މަހުގައި ގާޑިއޮލާ ތިން އަހަރުގެ ދުވަހުގެ މުއްދަތަކަށް ސިޓީއާ ހަވާލުވި ނަމަވެސް އޭގެ ފަހުންވެސް އޭނާ އެ ކްލަބުގައި މަޑުކުރުވަން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މިފަހަރު އެޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވިކަމުގައި ވީނަމަވެސް އެވެ.
ޕްރިމިއަލީގުގައި މިވަގުތު ސިޓީ އޮތީ، މާކަ ބާރުގަދަ ހިސާބެއްގައެއް ނޫންވެ. ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅުނު މެޗުން 1-0 އިން ސިޓީ ބަލިވުމުން އެޓީމަށް ވަނީ އިތުރު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން، ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ލެސްޓާ ސިޓީއަށްވުރެ، 15 ޕޮއިންޓު މަދުން ލިބިގެން 51 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައި ސިޓީ އޮތްއިރު، އެންމެ ޕޮއިންޓެއްގެ ފަރަގާއެކު ވެސްޓްހޭ ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑް އޮތީ ސޓީގެ ފުލުގައި ވިއްދާފައެވެ.
ރިޕޯޓްތައް ބުނާގޮތުން މިހާރު ސިޓީ ކޮންމެ ހާލަތެއްގައި އޮތް ނަމަވެސް، ކުރިއަށް އޮތް ސީޒަނަކީ އެ ޓީމުން ތަފާތުތަކެއް ފެނިގެންދާނޭ ސީޒަނެކެވެ. އެގޮތުން ގާޑިއޮލާގެ އެހީތެރިކަމާއެކު މިހާރު ވެސް ކްލަބަށް ކުޅުންތެރީން ހޯދުމުގެ މަސައްކަތް ދަނީ ހަލުއި ދުވެލީގައި ކުރިއަށެވެ.

ޔުވެންޓަސްގެ ތަރި ޕައުލް ޕޮގްބާ --
މިފަހަރުގެ ޓްރާންފާގައި ސިޓީއަށް ގެނެސްފާނެ ކަމަށް ބެލެވޭ ބައެއް ކުޅުންތެރީންގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑުގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގާން، ޔުވެންޓަސްގެ ތަރި ޕައުލް ޕޮގްބާ، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް، އެވަޓަންގެ ޑިފެންޑަރު ޖޯން ސްޓޯންސް އަދި އެތުލެޓިކް ބިލްބާއޯގެ ޑިފެންޑަރު އޭމަރިކް ލަޕޯޓާ ފަދަ ވަރުގަދަ ނަންތައް ހިމެނެއެވެ.
މިހާރުވެސް މީގެ ތެރޭން ބައެއް ކުޅުންތެރީންގެ ޑީލްތަކުގައި އޭޖެންޓުންނާއެކު ސިޓީން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅުގައި ބެގިރިސްޓެއިން ވަނީ، ގުންޑޮގާންގެ އޭޖެންޓާ ބައްދަލުކޮށް ޑީލް ފައިނަލްކުރުމާ ގާތަށް ގެނެސްފައި ކަމަށާއި އަދި އޭނާއަށް ފާރަލަމުން ދިޔަ ބާސެލޯނާއާއި ޔުވެންޓަސް އިންވެސް މިހާރު ރޭހުން ބޭރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިޓީން ވަނީ އެންމެ ފަހުގެ ދެ ސަމަރ ޓްރާންސްފާގައި ވެސް އެ ކްލަބުގެ ޑިފެންސްލައިން ވަރުގަދަކުރުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން، 75 މިލިއަން ޕައުންޑް ހަރަދުކޮށްގެން އޭރު ގެނައި ދެ ޑިފެންޑަރުންގެ ތެރޭގައި ވެލެންސިއާގެ ކުރީގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއާއި ޕޯޓޯގެ ކުރީގެ ޑިފެންޑަރު އެލިއަކުއިމް މަންގަލާ ހިނެމެއެވެ.

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް--
ސިޓީގެ ކުރީގެ ކޯޗުން ކަމަށްވާ ރޮބާޓޯ މަންޗިނީއާއި މިހާރުގެ ކޯޗު މެޗުއެލް ޕެލެގްރިނީއަށް އެޓީމަށް ހޯދައި ނުދެވުނު އެންމެހައި ކާމިޔާބީތައް ގާޑިއޮލާ ހޯދައިދޭނޭކަން މިހާރުވެސް އެ ކްބަލުގެ އިސްފަރާތްތަކުން ގަބޫލުކުރެއެވެ. އެއީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ޔޫރަޕްގެ ފުޓްބޯޅައިގައި ބާސެލޯނާ މިހާރު ދައްކަމުންދާ ގަދަފަދަކަމުގެ ބިންގާ އަޅައިދިން ކޯޗަކީ ގާޑިއޮލާއެވެ. ހަމަހެންމެ މިސީޒަންގެ ޗެމްޕިއަންސް ލީގު ބަޔާން މިއުނިކަށް ކާމިޔާބު ނުކުރެވުނު ކަމުގައި ވީނަމަވެސް އެ ކްލަބާއެކު ވެސް ގާޑިއޮލާ ވަނީ، ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ހޯދައިފައެވެ. އެހެންކަމުން ސިޓީގެ ސަޕޯޓަރުންނާއި ކްލަބްގެ އިސް ފަރާތްތަކުގެ ވެސް އުންމީދަކީ ގާޑިއޮލާ އެ ކްލަބާ ހަވާލުވުމަށްފަހު އޭނާގެ ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ކްލަބަށް ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ހޯދައިދިނުމެވެ.
ގާޑިއޮލާ ސިޓީއާ ހަވާލުވާއިރު އެ ކްލަބްގެ އެހެނިހެން އިސް މަގާމުތަކުގައިވެސް ތިބީ އޭނާއަށް އާ މޫނުތަކެއް ނޫނެވެ. އެގޮތުން ބާސާއަށް އޭނާ ކުޅުނު ދުވަސްވަރުގެ ކޮލީގުން ކަމަށްވާ، މިހާރު ސިޓީގެ ސްޕޯޓިން ޑައިރެކްޓަރު ބެގިރިސްޓެއިން އާއި ސިޓީގެ ސީއީއޯ ފެރަން ސޮރިއާނޯއާއި ސިޓީ ފުޓްބޯލް ގްރޫޕްގެ ކޮމާޝަލް ޑައިރެކްޓަރު އުމަރު ބަރޭދާއަކީވެސް ގާޑިއޮލާއަށް ކްލަބު ހިންގުމުގައި ލިބޭނޭ އިތުރު ހިތްހަމަޖެހުމެކެވެ.