28 Apr 2011, 16:21
ދ. ބަނޑިދޫ ރަށު ކައުންސިލަށް މޫނު ނިވާކޮށްގެން ތިބެ ވަދެ ވޮޗަރު ބަނދެ، ތިޖޫރި ފަޅާލައި 58000 ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި ފަސް މީހުން މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލައިފި އެވެ.
މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ ބަނޑިދޫ ކައުންސިލްގެ އިދާރާ އަށް އޮރިޔާމާ ތިބި ބަޔަކު މޫނު ނިވާކޮށްގެން ވަދެ އެތަނުގެ ވޮޗަރަކަށް އިން މިހާ އަށް އަނިޔާކޮށް ބަނުމަށް ފަހު 58000ރ. ހިފައިގެން ފިލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ފަސް މީހުން ދޫކޮށްލި މައްސަލައިގާ ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުން 15 ދުވަހު އެމީހުން ބަންދުގައި ބޭތިއްބުމަށް މި މަހުގެ 10 ވަނަ ދުވަހު ދިން މުއްދަތު މި މަހުގެ 24 އަށް ހަމަވުމުން ކޯޓުން އެމީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރު ކޮށްނުދިނުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
"ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކުރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލީ،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ސީރިއަސް ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބަނޑިދޫގެ ފަސް މީހުން މިދިޔަ އާދިއްތަ ދުވަހު ބަންދުން ވީއްލާފައި މިވަނީ އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ހުސެން ޒަކީ މިދިޔަ ބުރާސްފަތި ދުވަހު އެ ރަށަށް ވަޑައިގެން އެ ފަސް މީހުންގެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
"އެމްޑީޕީގެ މެންބަރުންނާ އެ ދުވަހު ބައްދަލުކުރައްވައި ޒަކީ ވިދާޅުވި އެމީހުންގެ މައްސަލަ ބަލާފައި ކުށެއް ނެތިއްޔާ ދޫކޮށްދެއްވާނެ ކަމަށް،" ނޫހުގައި ނަން ޖަހަން އުޒުރުވެރިވާ އެމްޑީޕީ ބަނޑިދޫ ގޮފީގެ އިސް އެކްޓިވިސްޓެއް މިއަދު ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ފަސް މީހުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.
އެމްޑީޕީ އޮފީހުން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އިސް އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ އެމީހުން މިއަދު ރަށަށް ދާން ފުރާނެ ކަމަށާއި އެ ރަށުގައި ހުންނަ ޒަކީގެ ކެމްޕޭން ޖަގަހައިގާ ބޭނުންކުރަން ޒަކީގެ ދަރިފުޅު ހަމްދާން ޒަކީ އެމީހުންގެ ތެރެއިން މުހަންމަދު ކިޔާ މީހަކަށް 25 ގޮޑި ވެސް ދީފައިވާ ކަމަށެވެ.
އެ މައްސަލައިގާ ޒަކީ މިއަދު ވިދާޅުވީ ބަނޑިދު އަށް ކުރި ދަތުރުގައި އެ ރަށުން ބަޔަކު އެ ފަސް މީހުންގެ މައްސަލައިގާ އެބޭފުޅާ އާ މަޝްވަރާ ކުރެއްވި ކަމަށާއި އެމީހުން ކުށެއް ނެތް ނަމަ ބަންދުގައި ނުތިބޭނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އެހެން ރަށްރަށަށް ކުރާ ދަތުރުގައި އަންނާނެ ތަފާތު މީހުންނަ ދިމާވެފައި ހުންނަ ތަފާތު ޝަކުވާތައް. އެގޮތުން އެ ރަށުން ވެސް ބަޔަކު އެ މީހުންނާ ގުޅޭ ގޮތުން އަޅުގަނޑާ މަޝްވަރާ ކުރެއްވި. ކޮންމެ މީހަކަށް ވެސް އިނގޭނެ މިހާރުގެ ނިޒާމު ކަނޑައެޅިފައި އޮންނަ ގޮތް. އަޅުގަނޑު ދެންނެވިން ކުށެއް ނެތިއްޔާ އެމީހުން ބަންދަކު ނުތިބޭނެއޭ،" ޒަކީ ވިދާޅުވި އެވެ.