އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަން އާއި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ތާރީފު ކުރައްވައި އިސްރާއީލުގެ ހިމާޔަތުގައި ވާހަކަ ދައްކަވައިފިއެވެ.

އެމެރިކާގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓުންގެ އެންމެ ބޮޑު ލޮބީ ޖަމާއަތް ކަމަށްވާ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އިން އިންތިޒާމްކުރި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާ ހަރުކަށި ޚިޔާލުގެ މަހުޖަނު ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ އދ. އަށްވެސް އަދި އެހެން ޖަމާއަތަކަށްވެސް އެއްވެސް ކަމެއްގައި އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި އިސްރާއީލުގެ ދިފާއުގައި އދ. އާ ދެކޮޅަށްވެސް އެމެރިކާ ތެދުވާނެ ކަމުގައެވެ.

އަދި ފަލަސްތީނުގެ ބިމުގައި ތާއަބަދަށް ޔަހޫދީ ދައުލަތެއްގެ ގޮތުގައި އިސްރާއީލު ދެމި އޮންނާނެ ކަމަށާއި އިސްރާއީލާ ދެކޮޅަށް ތެދުވެގެން އެއްވެސް ކާމިޔާބެއް ނުލިބޭނެކަން ފަލަސްތީނުން ދަންނަން ޖެހޭނެކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދަކީ "ޓެރަރިޒަމް" ކަމަށާއި އިސްރާއީލާ ދެކޮޅަށް "ޓެރަރިޒަމް" ގެ އަމަލުތައް ހިންގުމުގެ ފުރްސަތު އޭނާގެ ވެރިކަމެއްގައި އެމެރިކާއިން ފަލަސްތީނަށް ނުދޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕަކީ އެމެރިކާގެ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާތީ އޭނާ އެމެރިކާގެ ވެރިކަމަށް އައުމަކީ ދުނިޔޭގެ އަމްނާއި ސުލްޙައަށް އޮތް ބިރެއްކަމަށް އެމެރިކާގެ މެދުމިނުގެ ލީޑަރުން ދެކެވަޑައިގަންނަވައެވެ.

އަނެއްކޮޅުން އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާ ހިލަރީ ކްލިންޓަންވެސް ވަނީ އައިޕެކް އިން އިންތިޒާމްކުރި އެޖަލްސާގައި އިސްރާއީލަށް ތާއީދު ކުރައްވައި މިހާ ހަރުކަށި އިބާރާތަކުން ވާހަކަ ދައްކަވާފައެވެ. ހިލަރީ ވަނީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިވަޑައިގެންފިނަމަ އިސްރާއީލު ރުއްސުމަށްޓަކައި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ހަމަލާދިނުމާމެދުވެސް އެމެރިކާ ވިސްނާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާއުގައި ވަރަށް ހަރުކަށި ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ރިޔާސަތަށް ކުރިމަތިލައްވާ ބޭފުޅުންނާއި ރިޔާސީ ކެންޑިޑެންސީ ޕާޓީތަކުން ހޯދުމަށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް އިސްރާއީލަށް މިހާބޮޑަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަނީ އެބޭފުޅުންގެ ކެންޕޭންގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ ނުފޫޒުގަދަ ޔަހޫދީ މަހުޖަނުންގެ ފަރާތުން ހޯދުމުގެ ބޭނުމުގައެވެ.

އެމެރިކާއަކީ ޑިމޮކްރެޓިކް ގައުމެއް ކަމަށް ދައުވާ ކުރާ ގައުމެއްނަމަވެސް އެމެރިކާގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ މުއްސަނދި މަހުޖަނުންނާއި ބިޔަ ކުންފުނިތަކާއަދި އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ލޮބީ ގްރޫޕްތަކުންނެވެ. މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު ލޮބީ ޖަމާއަތަކީ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އައިޕެކް) އެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ މައްޗަށް އެމެރިކާގެ ރައްޔިތުންގެ މާބޮޑު ބާރެއް ނޯންނައިރު އެމެރިކާގެ ޝަރުއީ ދާއިރާވެސް ވަރަށް މަކަރުވެރިގޮތަކަށް އަދި އޮޅުވާލުމެއްގެ ތެރެއިން ފައިސާއާއި އެނޫންވެސް ނުފޫޒު ބޭނުންކޮށްގެން ކޮންޓްރޯލް ކުރަނީ މިދެންނެވި ކުންފުނިތަކުންނާއި އެނޫންފަރާތްތަކުންނެވެ. ޑިކްޓޭޓާޝިޕްތައް އޮންނަ ގައުމުތަކުގައި އެގައުމުތަކުގެ ސަރުކާރުތަކުން ވެރިކަމުގެ ތިން ބާރު ކޮންޓްރޯލް ކުރާއިރު އެމެރިކާގައި ނަމެއްގައި (ގާނޫނުއަސާސީގައި) ތިންބާރު ވަކިކޮށްފައި އޮތްނަމަވެސް ވައިޓް ހައުސް އާއި ކޮންގްރެސް އާއި އެމެރިކާގެ ކޯޓުތައްވެސް ހަގީގަތުގައި ކޮންޓްރޯލް ކުރަނީ މުއްސަނދި މަހުޖަނުންނާއި ބިޔަ ކުންފުނިތަކާއަދި އިސްރާއީލަށް ތާއީދުކުރާ ޔަހޫދީ ލޮބީ ގްރޫޕްތަކުންނެވެ.

އެމެރިކާގެ ރައްޔިތުންނަކީ އިންތިޚާބުތަކުގައި ހަމައެކަނި ވޯޓު ދިނުމަށް ތިބޭ ބާރެއް ނުފޫޒެއްނެތް ބައެކެވެ. އިންތިޚާބުތަކުގައިވެސް ރައްޔިތުންގެ އަތުން ވޯޓު ހޯދަނީ ކެންޕޭން ހަމަލާތަކުގައި އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލައިގެންނާއި އެމީހުން ވާވައްދައިގެން ކަމަށް އެމެރިކާގެ މި ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރާ އެމެރިކާގެ އާންމު ރައްޔިތުން ތަމްޘީލްކުރާ އެކްޓިވިސްޓުން ބުނެއެވެ. (ނޫސްއެޖެންސީތައް)