22 Mar 2016, 11:12
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.
ގާނޫނުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހައްގުތައް ބަޔާންކުރުމާއި މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ނިހާން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ މަގުސަދަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގަކަށް ވުމާއި، އެފަދަ ކޮންމެ ހައްގަކީ ވަކި ޒިންމާތަކާއި މަސްއޫލިއްޔަތުތަކަކާ އެކު ބޭނުން ކުރަން ޖެހޭ ހައްގެއް ކަމުގައި ބަޔާންކޮށްފައި ވާތީ އެވެ.
އެހެންކަމުން އެ މަސްއޫލިއްޔަތުތައް ބަޔާންކުރުމާ އެކު އަބުރު ރައްކާތެރިކުރުމުގެ ހައްގަށް އުނިކަމެއް އަންނަ ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރުމަށް އެއީ ކޮންމެހެން ބޭނުންތެރި ގާނޫނެއް ކަމަށް ނިހާނު ހުށަހެޅުއްވި ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.