22 Mar 2016, 11:08
ފުލުހުން މާލޭގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނުގައި ވިލިމާލެ އިން ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިފި އެވެ.
އިއްޔެގެ އޮޕަރޭޝާނުގައި މާލެއިން ހަތް މީހަކު ހައްޔަރު ކުރި އިރު ވިލިމާލެ އިން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މާލެ އިން ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ހަ މީހުން އިއްޔެ ފުލުހުންގެ އިދާރާއިން ދޫކޮށްލާފައި ވާއިރު މިހާރު ފުލުހުންގެ ބަންދުގައި ތިބީ ފަސް މީހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، މިއަދު މުއްދަތު ޖަހާފައި ވަނީ ވިލިމާލެ އިން ހައްޔަރު ކުރި މީހުންނަށް ކަމަށެވެ.
އިއްޔެ ހެނދުނު 9:30 އެހައިކަންހާއިރު ފުލުހުންގެ ޓީމެއް ކޯޓު އަމުރެއްގެ ދަށުން މ. ޖޭޑަށް ވަދެ އެ ގެ ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރު ކުރި އެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުލުހުން މަސްއޮޑިގެއަށާއި ޖޭޑަށް ވަދެ އެ ދެގޭގައި ތިބި މަސްއޮޑި ގްރޫޕަށް ނިސްބަތްވާ ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކަމުގެ ހެކި ހުރި ނަމަ ހެއްކާ އެކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.