ޕާޓްނާޝިޕް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

އެ އިސްލާހު މަޖިލީހުން ފާސްކުރީ، އެ އިސްލާހު ދިރާސާކޮށް ރައްޔިތުން މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށްފަހު މެމްބަރުންގެ 43 ތާއީދާ އެކު އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ދިވެހި ރާއްޖޭގައި ޕާޓްނާޝިޕް އުފެއްދުމާއި ރަޖިސްޓްރީ ކުރުމާއި ހިންގުމާއި ކަމާގުޅޭ އުސޫލްތައް ބަޔާން ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޕާޓްނާޝިޕް ވިޔަފާރިއެއްގައި ތިބޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕް އެއްބަސްވުމުގައި ކަނޑައަޅާ ގޮތަށް ޕާޓްނާޝިޕް ގާނޫނަށް، ގެމެނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ފާސް ކުރީ އާދީއްތަ ދުވަހު އެވެ.

ޕާޓްނާޝިޕްގެ ގާނޫނުގައި ޕާޓްނާޝިޕެއްގައި ގިނަވެގެން ތިބޭނީ 20 ޕާޓްނަރުން ކަމަށް ބަޔާންކޮށްފައިވާ މާއްދާ އަށް މެމްބަރު ޖަމީލު އުސްމާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޕާޓްނާޝިޕުގައި އެންމެ ގިނަވެގެން ހިމެނޭނެ ޕާޓްނަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ޕާޓްނާޝިޕެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަންވާނެ ކަމަށާއި މެނޭޖިން ޕާޓްނަރަކީ އާންމުގޮތެއްގައި ދިވެހި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންވާނެ ކަމަށް އޮންނަ މާއްދާއަށް ވެސް ޖަމީލް އުސްމާން ވަނީ އިސްލާޙް ހުށަހަޅުއްވާފަ އެވެ.

ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން އުފައްދާ ލައިބިލިޓީ ޕާޓްނާޝިޕެއްގައި ޕާޓްނަރުން ދަރަންޏަށް ޒިންމާވާން ޖެހޭނެ ގޮތަށް ޖަމީލް އުސްމާނު ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވައި ގިނަ މެމްބަރުން މިއަދު ވަނީ ވާހަކަދައްކަވައިފަ އެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ ޖަމީލް އުސްމާނު ހުށަހެޅުއްވި އިސްލާހުގައި މައްސަލަ ހުރި ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ އިސްލާހަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ، އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ވިދާޅުވީ ޕާރޓްނަރޝިޕް ގާނޫނުން ވަކި އަދަދަކަށް ހިއްސާދާރުން ހިމެނުމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން ގިނަ ބަޔަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ އިސްލާހު ގެންނަށް ޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވިދާޅުވީ ޕާޓްނަރޝިޕެއްގައި މެނޭޖިންގ ޕާޓްނަރެއް ހުންނަޖެހޭ ގޮތަށް މިގާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ.

އަދިވެސް މެމްބަރުން އިސްލާހަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި އިރު، އެ އިސްލާހާ ދެކޮޅަށް ވާހަކަދެއްކެވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

އާޒިމް ވިދާޅުވީ، ލިޔުމުގައި ހުރި ކުށްތައް ފިލުވުން ފިޔަވައި އިތުރު އިސްލާހެއް ބިލަށް ގެނެސްފައި ނުވާ ކަމަށެވެ.