ސަރަޙައްދީ ފެންވަރުގައި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާކުރުމާއި ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް އެއްގައުމު އަނެއްގައުމާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމަށް އޭސީސީގެ ވަފްދެއް ސިންގަޕޫރަށް ހިނގައްޖެ އެވެ.

އިއްޔެ ސިންގަޕޫރަށް ދިޔަ އޭސީސީގެ ވަފުދުގައި ހިމެނެނީ ކޮމިޝަނުގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު އާއި، ކޮމިޝަނުގެ މެމްބަރު ޔަޒުމީދު މުހައްމަދު އަދި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދު އެވެ.

އޭސީސީގެ ދަތުރުގައި، ސިންގަޕޫރުގެ “ކޮރަޕްޓް ޕްރެކްޓިސެސް އިންވެސްޓިގޭޝަން ބިޔުރޯ” (ސީޕީއައިބީ) އަށް ޒިޔާރަތްކޮށް، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެ ބިއުރޯ އިން އަމަލުކުރަމުންދާ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ދެނެގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި އެ ބިއުރޯގެ ހިންގުން ބައްޓަންވެފައިވާގޮތް ދެނެގަތުމާއި ދެ ގައުމުގެ ދެމެދުގައި ފަންނީ އެހީތެރިކަން ހިއްސާކުރުމާއި ކޮރަޕްޝަނުގެ މައްސަލަތައް ތަޙުގީގުކުރުމާއި ތަކުރާރު ވިޔަ ނުދޭނެ ގޮތުގެ ތަމްރީނު ފުރުސަތުތައް ފަހިކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުވޭނެ ކަމަށް އޭސީސީ އިން ބުނެ އެވެ.

"ނިޒާމީ ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ އުޞޫލުތައް ހަމަޖެއްސުމުގެ އިތުރުން، ދެ ގައުމުގެ މެދުގައި ކޮރަޕްޝަން ނައްތާލުމުގެ ތަޖުރިބާ ހިއްސާކޮށް މަޝްވަރާކުރެވޭނެ،" އޭސީސީ އިން ބުނެފައިވެ އެވެ.

އޭގެ އިތުރުން، އޭސީސީގެ ވަފުދު ސިންގަޕޫރުގެ އެޓަނީ ޖެނެރަލްއާ ބައްދަލުކޮށް ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަނެ، މަސައްކަތްތައް ކުރިއަށްގެންދިއުމުގައި، ހާއްސަކޮށް އޭސީސީ އިން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ގުޅިގެން ސިންގަޕޫރުން ބޭނުންވާ މައުލޫމާތު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ދަތުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.