ހަވާނާ (މާޗް 22): ކިއުބާއަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ ކިއުބާގެ ރައީސް ރައުލް ކާސްޓްރޯއާ ބައްދަލުކުރައްވާ، އިންސާނީ ހައްގުތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ނަމަވެސް ދެ ފަރާތުން ވަނީ ގުއަންޓަނާމޯ ބޭގައި ހުންނަ ޖަލާއި ކިއުބާގެ ސިޔާސީ ގައިދީންނާ ބެހޭ ގޮތުން ދެބަސްވެވަޑައިގެންފަ އެވެ.

އިއްޔެ ކިއުބާގައި އޮތް ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކާސްޓްރޯ ވަނީ އެ ގައުމުގައި ސިޔާސީ ހައްޔަރީން ތިބި ނަމަ، އެމެރިކާ އިން އެމީހުންގެ ނަންތައް ދިނުމަށާއި، އޭރުން އެގައިދީން ވަގުތުން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާ އިން މީގެ ކުރިން ސިޔާސީ ހައްޔަރީންގެ ލިސްޓެއް ދިން ނަމަވެސް އެއީ ސިޔާސީ ހައްޔަރީން ކަމަށް ކިއުބާ އިން ގަބޫލު ނުކުރާ ކަމަށް ކާސްޓްރީ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ކާސްޓްރޯ ވަނީ އެމެރިކާ އިން ކިއުބާއާ ދެމެދު ވިޔަފާރި ކުރުމަށް އޮތް ހުރަސްތައް އެއްކޮށް އުވާލާން އިތުރު މަސައްކަތް ކުރުމަށާއި ގުއަންޓަނާމޯ ބޭ ޖަލު ބަންދު ކުރުމަށް ގޮވާލާފަ އެވެ.

އަށްޑިހަ އަށް އަހަރަށް ފަހު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު ކިއުބާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އޮބާމާ ވަނީ ދެގައުމުގެ މެދުގައި ވިޔަފާރި ކުރުމަށް އޮތް ހުރަސްތައް އެއްކޮށް ނައްތާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކިއުބާގެ މުސްތަގުބަލު ނިންމާނީ އެމެރިކާ އިނެއް ނޫން. ނުވަތަ އެހެން ގައުމަކުން ވެސް ނޫން. ކިއުބާގެ މުސްތަގުބަލު ނިންމާނީ ކިއުބާގެ ރައްޔިތުން. ނަމަވެސް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އެމެރިކާ އިން ވާހަކަ ދައްކަމުން ގެންދާނެ." އޮބާމާ ވިދާޅުވި އެވެ. (ބީބީސީ)