28 Apr 2011, 16:03
މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން މާލެ އަތޮޅު ފޭދޫ ފިނޮޅުގައި ހިންގާ ރިހެބްލިޓޭޝަން ފަރުވާ އަށް ކުދިން ފޮނުވަން ބެލެނިވެރިން އެއްބަސްވުމުން ބައެއް ކުދިންގެ ފަރާތުން ތަފާތު އިންޒާރުތައް ބެލެނިވެރިންނަށް ދެމުންދާ ކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓަރު އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ ބައެއް ބެލެނިވެރިންނަށް ނުބެލެހެއްޓޭ ކުދިންނަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގަމުން ގެންދާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު ކުދިން އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ކުދިންގެން ނަން ފޮނުވަން އުޅުމުން ބެލެނިވެރިންނަށް އަނިޔާ ކުރާނެ ކަމަށް ބުނެ ބައެއް ކުދިން ބެލެނިވެރިންނަށް ބިރުދައްކައި އިންޒާރުން ދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބައެއް ފަހަރު މަޢުލޫމާތު ލިބޭ ކުދިންގެ ފަރާތުން އެ ކުދިން ގެންގުޅޭ ބެލެނިވެރިންނަށް ނުވަތަ ބަލަދުވެރިންނަށް އިންޒާރު ނުވަތަ ބިރުދައްކަމުންދާ ޚަބަރު. ތިމަންނަމެންގެ ނަން ނުވަތަ ތިމަންނަމެން ގެންދަން އެއްބަސް ވެއްޖެ ނަމަ ޖިސްމާނީ ގޮތުން ވެސް އެފަރާތްތަކަށް އަނިޔާކުރެނޭ ވާހަކަ،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ އެފަދަ ކުދިންގެ ބަސްމަގު އެހެން ހުރި ނަމަވެސް އެ ފުރުސަތު ކުދިންނަށް ދޭން ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ އެފަދަ ކުދިން ވެސް ރިހެބިލިޓޭޓް ކޮށްގެން މުޖްތަމައުއަށް ނެރުން ކަމަށެވެ.
މިހާރު ވެސް ފޭދޫ ފިނޮޅުގައި 16 އަހަރާއި 18 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެ ވަނަ ބުރު ފަށައިގެން ކުރިއަށްދާ އިރު، ފޭދޫ ފިނޮޅަށް ގެންގޮސްފައި ތިބޭ ބައެއް ކުދިންގެ ހާލަތު ވަރަށް ދައްކަން ފާހަގަ ކުރެވޭ ކަމަށް ނަވާޒު ވިދާޅުވި އެވެ. އެގޮތުން ބައެއް ކުދިން ކިޔަވަން ބޭނުންނުވާ އިރު ލިޔަންކިޔައި ނަމާދު ކުރަން ވެސް ނޭނގޭ ކަމަށް ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ އެނގެން ޖެހޭ އެއްޗެއްހި ކުދިންނަށް ނޭނގޭ އިރު ބެލެނިވެރިންގެ ފަރާތުން ކުދިންނަށްނަށް ދޭން ޖެހޭ އެކަށީގެންވާ ތަރުބިއްޔަތު އެދެވޭ ގޮތުގައި ނުދެވޭ ކަން ފާހަގަކުރެވޭ ކަމަށެވެ.