މުރަނގަ ފަތަކީ އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ފަސޭހަކަމާ އެކު ލިބޭ އެއްޗެކެވެ. ހަމައެއާ އެކު ފެހިކަން ގަދަ އެ ފަތަކީ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާ އެކު ހެއްދިދާނެ އެއްޗެކެވެ. އެކަން، ވެރިރަށް މާލެއަށް ބަލާލުމުން އެކަނި ވެސް އެނގިގެންދާނެ އެވެ.

ތެލުލައިގެންނާއި، ސެލެޑު ހަދައިގެން ވެސް ބޭނުން ކުރާ މުރަނގަ ފަތަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި ފަތަކެވެ. އެހެންކަމުން އެ ފަތުގެ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.

މުރަނގަ ގަސް ---

މުރަނގަ ފަތުގައި އެންޓި ކެންސަރު ކޮމްޕައުންޑުތައް ގިނަ އަދަދަކަށް އެކުލެވެ އެވެ. އެހެންކަމުން މުރަނގަ ފަތް ކެއުމުން ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް އިތުރުވިޔަ ނުދީ ކޮންޓްރޯލް ކޮށްދޭނެ އެވެ.

ދޮންކެޔޮ ވަކަކަށް ވުރެ ތިން ގުނަ އިތުރަށް ޕޮޓޭސިއަމް އެކުލެވޭ އެ ފަތް ކެއުމުން ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ދުރުކޮށްދޭނެ އެވެ.

މުރަނގަ ފަތުގެ އިތުރު ފައިދާ ތަކަށް ބަލާ އިރު، އެ ފަތުގައި ކިރަށް ވުރެ ހަތަރު ގުނަ އިތުރަށް ކެލްސިއަމް ވެސް އެކުލެވެ އެވެ. ގާތުން ކިރުދޭ މީހުންނަށް މުރަނގަ ފަތް ވީހާ ވެސް ގިނައިން ކެއުމަށް ޑޮކްޓަރުން ލަފާ ދެނީ އެ ސަބަބަށްޓަކަ އެވެ.

އެ ފަތުގައި ވިޓަމިން ސީ އަދި ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވެ އެވެ. ހަމައެއާ އެކު އެ ފަތް ކެއުމުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަދީ ބޮލުގެ ރިހުންވެސް ކުޑަކޮށްދޭނެ އެވެ.

އެހެންކަމުން، ކޮންމެ ދުވަހަކު ވެސް މުރަނގަފަތް ބޭނުން ކުރުމަށް އާދަ ކުރަން ޖެހެ އެވެ.