ޑިކްވެލަ، ސްރީލަންކާ- ސްރީލަންކާގެ ދެކުނު ޕްރޮވިންސްގެ މަޓާރާ ޑިސްޓްރިކްޓްގެ ޓައުނެއް ކަމަށްވާ ޑިކްވެލަގައި 15 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރާގައި އަޅުވެތިކޮށް އެ ކުއްޖާ އަށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާއެއްކޮށް ބިޔަރާއި ކުޑަކަމުދާ ތަކެތި ބޯންދިން ކަމުގެ ތުހުމަތުގައި ޑިކްވެލަ ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

އެ ކުއްޖާ، އެ މީހާގެ ކިބައިން ސަލާމަތްވެގެން ފިލައިގެން ގޮސް، އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި އެ މީހާ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރުމުގެ އިތުރުން ލަކުޑިގަނޑަކުންނާއި ދަގަނޑު ބުރިއަކުން އެ ކުއްޖާގެ ގައިގައި ތަޅައި އަނިޔާ ކުރި ކަމަށާއި އޭގެ އިތުރުން ގަދަކަމުން ބިޔަރު ބޯންދީ އެ ކުއްޖާ އަށް ކުޑަކަމުދާ ތަކެތި ބުއިމަށް މަޖުބޫރު ކުރުވި ކަމަށް ވެސް އެ ކުއްޖާ ވަނީ ފުލުހުންނަށް ކިޔައިދީފަ އެވެ. އަދި މީގެ ކުރިން ވެސް އެފަދަ އަނިޔާތައް އެމީހާގެ ފަރާތުން އެ ކުއްޖާ އަށް ލިބިފައިވާ ކަމަށް އެކުއްޖާ ކިޔައިދިނެވެ.

ފުލުހުން ވަނީ ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފަ އެވެ. އަދި އެމީހާ ދިރިއުޅޭ ތަނުން އަންހެންކުއްޖާ އަށް އަނިޔާކުރުމަށް ބޭނުން ކުރި ތަކެއްޗާއި އެނޫން ވެސް ތަހުގީގަށް ބޭނުންވާ ބައެއްތަކެތި ފުލުހުން ވަނީ އެތަނުން ހޯދައިފަ އެވެ.

ޑިކްވެލަ ފުލުހުންނާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާ އިން ބުނީ އުމުރުން 21 އަހަރުގެ އެ ފިރިހެން މީހާ އަކީ އެ ޓައުނަށް ނިސްބަތްވާ މަސްވެރިއެއް ކަމަށެވެ. އަދި އެމީހާގެ ޖިންސީ އަޅެއްގެ ގޮތުގައި 15 އަހަރުގެ އެ އަންހެންކުއްޖާ ގެންގުޅެމުން އަންނަތާ މިހާރު ތިން މަސް ވެދާނެ ކަމަށް ވެސް އެކުއްޖާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

މިހާރު އެ ކުއްޖާއަށް މަޓާރާ ހޮސްޕިޓަލްގައި ފަރުވާދެމުން ދާއިރު ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް އެމީހާ މަޓާރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ތައްޔާރުވަމުންނެވެ.

މަސްދަރު- ޑެއިލީމިރާ.އެލްކޭ