21 Mar 2016, 19:27
ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކޭބަލްތައް ބަދަލުކުރުމުގެ މަޝްރޫގެ ދަށުން މާދަމާއިން ފެށިގެން ބައެއް ސަރަހައްދުތަކުން ދެތިން ގަޑިއިރަށް އިންޓަނެޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ ކުރީގެ މައި އޮފީސް ހުރި ސަރަހައްދުން ޕޯސްޓަލް ބިލްޑިންއަށް އެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ދިރާގުގެ ޑައިރެކްޓާ މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށެވެ. އެގޮތުން އެ ކޭބަލް ބަދަލުކުރަން ފެށުމާއެކު 2400 ކަސްޓަމަރުންނަށް އެއްފަހަރާ ހިދުމަތް މެދުކެނޑޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
"އެއް ފަހަރާ 2400 ކަސްޓަމަރުންގެ ހިދުމަތް އެއްފަހަރާ އެކޭބަލް ބުރިކޮށްލާ ވަގުތު ކަނޑައިގެން އެ ދަނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ހިދުމަތް މެދުކެނޑޭ ކަސްޓަމަރުންނަށް ތިން ގަޑިއިރާއި އަށް ގަޑިއިރާ ތެރޭގައި އަނބުރާ ހިދުމަތް ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޭބަލްތައް ބަދަލު ކުރަނީ އެ ނެޓުވޯކު ބޭނުންކުރާ ފަރާތްތަކަށް ފައިބާ ނެޓުވޯކަށް ބަދަލުކޮށް ހަލުވި ކުރުމުގެ ހިދުމަތާ ވެސް އެކުގައި ކަމަށެވެ.
"ކޭބަލް ރީލޮކޭޓް ކުރުމާއި އިކުއިޕްމެންޓް ހަރުކުރުމާއި އޭގެ އިތުރަށް ފައިބާ އެޅުމާއި އެކަހަލަ މަސައްކަތްތައްވެސް އެބަ ދޭ، ކަސްޓަމަރުންނަށް މިވަގުތު ކޮންމެ ވެސް ވަރަކަށް ދަތިވަމުން ދިޔަ ނަމަވެސް އަޅުގަނޑުމެން މުސްތަގުބަލުގައި ގެނެވޭ ބަދަލުތަކުގެ ސަބަބުން މިއަހަރު ތެރޭގައި ހައި ސްޕީޑް އިންޓަނެޓް ގެނެސް ދޭ ފަރާތްތަކަށް ފަސޭހަވެގެން ގޮސް ދިމާވާ ދަތިތައް ކުޑަވެގެންދާނެ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސް ނިމެންވާއިރަށް އެ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.