21 Mar 2016, 17:28
ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މާލެއިން ރޭ ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ދެ މީހުން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިއަދު ވިދާޅުވީ އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގައި އެދޭނެ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފަ އެވެ.
ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ ދެ މީހުންނަކީ މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު، ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހެކެވެ. ހުކުރު ދުވަހުގެ މާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި 13 މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ.
ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި އޮފަރޭޝަންގައި ގ. މަސްއޮޑިގެއަށް ވަދެ، އެތަނުގައި ތިބި ޒުވާނުންތަކަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ފުލުހުން ކުރި އަނިޔާތަކެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ބައެއް މީހުންގެ ގައިގައި ތެޅުމުން، ޒަހަމްވެ، ނޫފައިގެންފައިވާ ތަންތަން ފެނެ އެވެ. އަދި ޒުވާނުންތަކެއްގެ ބޯ ފަޅައިގެން ގޮސް، ކަންފަތުން ލޭ އަންނަ މަންޒަރު ފެންނަ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ މާރާމާރީގައި ފުލުހުން ބައިވެރިވެފައިވާނަމަ އެ ފުލުހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.