28 Apr 2011, 15:52
ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލާއި އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ ގދ. ތިނަދޫ ބްރޫމް، ނިޔާޒް އިބްރާހިމްގެ ނަމަށް ރުހުން ދިނުމުގެ މައްސަ ނިންމުމަށް ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން މިއަދުގެ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ ބާއްވަން ޖެހޭ ދުވަސްކަމުން، އެ މައްސަލަތައް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 33 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވަން ފެނޭތޯ ވޯޓަށް އެއްސެވުމުން އެގޮތަށް ފާސްކޮށްފައި ވަނީ، ޖަލްސާގައި އެ ވަގުތު ތިއްބެވި 76 މެންބަރުންގެ ތެރެއިން 71 މެންބަރުން ވޯޓު ދެއްވައި ގެންނެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލާއި ނިޔާޒް އިބްރާހިމްގެ ނަން ދިރާސާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ފޮނުވި ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ އިއްޔެ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލާއި ރިޕޯޓް މެންބަރުންނަށް ފޮނުއްވައި އިސްލާހު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވުމަށް ފަހު މަޖިލީހުގެ މިއަދުގެ އެޖެންޑާ އަށް އެ ދެ މައްސަލަ އެޖެންޑާ ކުރެއްވުމަށް ވަގުތު ލިބިވަޑައި ނުގެންނެވީ ކަމަށެވެ.
އޮޑިޓާ ޖެނަރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނިޔާޒުގެ ނަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ.
ކޮޓީން ކުރި ދިރާސާ އިން 75 ޕަސެންޓަށް ވުރެ މަތީ މާކްސްއެއް ލިބޭ ނަމަ އެނަން ކޮމިޓީން ފާސްކުރަން ޖެހޭނެ ކަމަށް ބަލައިގެން ނިޔާޒުގެ ނަން ދިރާސާ ކުރުމަށް ކޮމިޓީން ކުރި މަސައްކަތުން ކޮމިޓީގެ މެންބަރުން ނިޔާޒަށް ވަނީ 89 މާކްސް އެއް ދެއްވައިފަ އެވެ.
ރައީސް އޮޑިޓަ ޖެނެރަލް ކަމަށް އައްޔަން ކުރުމަށް ނިޔާޒުގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ، އޮޑިޓާ ޖެނެރަލެއް ނެތި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން ސަރުކާރަށް ފާޑުކިއުންތައް ރައްދުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުރިން އޮޑިޓާ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ނައީމުގެ މައްޗަށް އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭނާ މަގާމުން ވަކި ކުރުމުން، އެ މަގާމަށް އައްޔަންކުރުމަށް ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި އަލީ ރަޝީދުގެ ނަން ވެސް މަޖިލީހުން ވަނީ ފެއިލްކޮށްލައިފަ އެވެ.
ކުރިން އޭސީސީގެ ރައީސްކަން ކުރެއްވި އަލީ ރަޝީދުގެ ނަން މަޖިލީހުން ފެއިލްކޮށްލާފައި ވަނީ ޑިސެމްބަރު 8، 2010ގަ އެވެ.