ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އޭނާގެ ބަންދަށް އިތުރުކޮށްފައި ވަނީ 10 ދުވަހެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ބީއެމްއެލް ބްރާންޗްގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމް ހައްޔަރުކޮށްފައި ވަނީ ބީއެމްއެލުން ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. އޭނާ ފުލުހުން ހައްޔަރު ކުރުމާއެކު، ބީއެމްއެލްގެ ވަޒީފާއިން އޭނާ ވަނީ ވަކިކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި އެ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

އެހެންކަމުން ކަމާބެހޭ އުސޫލުތަކާ ޚިލާފުވާ މުވައްޒަފުންނާ ދެކޮޅަށް އަބަދުވެސް ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.