ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް)ގެ ވަގުތީ ޖެނަރަލް ސެކެޓްރީގެ މަގާމަށް މުހައްމަދު އާދަމް އައްޔަނުކޮށްފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީއަކަށް މުހައްމަދު އާދަމް އައްޔަނު ކުރީ ކުރިން އެ މަގާމުގައި ހުރި ބައްސާމް އާދިލް ޖަލީލް ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންގެ މަގާމަށް މިއަދު ފީފާއިން ހަމަޖެއްސުމުންނެވެ.

އެކަން ހާމަކޮށް އެފްއޭއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އާ ޖެނަރަލް ސެކެޓްރީއެއް އެއް ހަމަޖައްސަން ދެން ވަގުތީ ގޮތިން އެ މަގާމު އަދާކުރަމުން ދާނީ އެ އިދާރާގެ މާކެޓިންގެ ވެސް ހެޑް މުހައްމަދު އާދަމް ކަމަށެވެ.

ކުރިން ލެގޫންސް ސްޕޯޓްސް ކުލަބަށް ކުޅުއްވި މުހައްމަދު އާދަމަކީ އެފްއޭއެމްގެ 'އޭ' ލައިސެންސް އޮންނަ ކޯޗެކެވެ. އަދި މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައިވާ ކޯޗެކެވެ.

މި ފަހަކަށް އައިސް އޭނާ އެންމެ ބޮޑަށް ފާހަގެ ވެގެން ދިޔައީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިނިވަން 50 ޗެމްޕިއަންޝިޕް ހިންގުމުގައި އެންމެ އިސް މީހިއްގެ ގޮތުގައި ހުރެ އެ މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލި ހިސާބުންނެވެ.