ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުމާމް މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމް ކުރި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބޭ ކަމަށް ހުމާމްގެ ވަކީލު މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނުމުން ހައިކޯޓުން އެކަން ދޮގުކޮށްފި އެވެ.

ހުމާމްގެ މައްޗަށްކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރުމަށް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ސުޕްރީމް ކޯޓުގައި ބާއްވާފައިވާ އިރު އެ ޝަރީއަތުގައި ހުމާމްގެ ވަކީލު ވިދާޅުވީ މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ހައިކޯޓުން އަދި ވެސް ދީފައިނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ހޯދަން ހުމާމްގެ ފަރާތުން އޭނާގެ ބައްޕަ މިދިއަ އަހަރު ސެޕްޓެމްބަރު އަށް ވަނަ ދުވަހު އެދިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް މިދިޔަ އަހަރު އޮކްޓޫބަރު 19 ވަނަ ދުވަހު ހުމާމްގެ ބައްޕައާ ހަވާލުކޮށްފައިވާ ކަމަށް ހައިކޯޓުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ހުމާމްގެ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުން ނިންމައި ހުކުމްކޮށްފައި ވަނީ 2015 ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު. ހަމަ އެ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން ވަނީ ހ. ލޮބީ ހުސައިން ހުމާމާ ހަވާލުކުރެވިފައި." ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ނުލިބޭ ކަމަށް ހުމާމްގެ ވަކީލު ވިދާޅުވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ނުކުތާއެއް ނޫން ކަމަށާއި ހައިކޯޓުގެ ނިންމުންތައް ހައިކޯޓުގެ ވެބްސައިޓުގައި އާންމުކުރެވިފައި ހުންނާނެ ކަމަށެވެ. އަދި ރިޕޯޓު ހޯދަން މަސައްކަތް ކުރުމުން ލިބޭނެ ކަމަށާއި އަދިވެސް މަސައްކަތް ކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.