21 Mar 2016, 16:21
މިދިޔަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތައް ސަރުކާރު ގެޒެޓުގައި ޝާއިއު ކުރުމުގެ ބަދަލުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ސިފައިން ބަލަހައްޓާ ގޮތަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވަ އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ބިލުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކާއި ޖަމާއަތްތައް ބައިވެރިވުމުގެ ހައްގު އެ ގާނޫނުގެ ދަށުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މިންވަރަށް ހަނި ކުރެވިފައިވާ ހިނދު އެ ހައްގު ޒިންމާދާރު ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހިކުރަންޖެހޭނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރަސްމީ ހައިސިއްޔަތެއްގައި ދިވެހި ދައުލަތުން ނުވަތަ ދިވެހި ސަރުކާރުން ބައިވެރިވެފައިވާ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކާއި ގުޅިފައިވާ ޖަމިއްޔާތަކުގެ އިތުރުން ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެންމެހާ ޖަމިއްޔާތައް ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އިސްތިސްނާވެގެން ވާނެ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ބޭރުގެ ޖަމިއްޔާއެއް ރާއްޖޭގައި ހިންގުމަށް އެދޭ ފަރާތެއް އެފަދަ ޖަމިއްޔާގެ ލިޔެކިޔުންތައް ފަތުރާ ޝާއިއުކުރަން އެދޭ ފަރާތަކުން ހޯމް މިނިސްޓަރަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ މެދު މިނިސްޓަރު ނިންމެވި ގޮތް ސަބަބާ އެކު ލިޔުމުން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ފޮނުވަންވާނެ ކަމަށެވެ. އަދި މިނިސްޓަރު އެ ނިންމުން ފަނަރަ ދުވަހުގެ ތެރޭގައި ހުށަހެޅުން ހުށަހެޅުއްވި ފަރާތަށް ހިއްސާ ނުކޮށްފި ނަމަ އެ މީހަކު ހުށަހެޅި ކަމަކާއިގެން ކުރިއަށް ދިއުމުގެ ހައްގު ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.