21 Mar 2016, 16:14
ފުލުހުން މާލޭގައި ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަނުގައި މިއަދު ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ "ސަން"އަށް ވިދާޅުވީ ދޫކޮށްލާފައި ވަނީ މާލެ އިން ހައްޔަރު ކުރި ހަތް މީހުންގެ ތެރެއިން ހަ މީހުން ކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ ކޯޓުން ނޫން ކަމަށާއި ފުލުހުންގެ އިދާރާ އިން ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.
މިއަދުގެ އޮޕަރޭޝަނުގައި ވިލިމާލެ އިން ހައްޔަރު ކުރި ހަތަރު މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
މިއަދު ހެނދުނު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލެ އަދި ވިލިމާލެ އިން 11 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު މިއަދު ހެނދުނު ސަން އަށް ވިދާޅުވީ އޭގެތެރެ އިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ މ. ޖޭޑު އިން ކަމަށެވެ. އަދި އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ވިލިމާލޭގެ ގެއެއް ބަލައިފާސްކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްމާއީލް ވިދާޅުވީ މިއަދު 9:30 އެހައިކަންހާއިރު ފުލުހުންގެ ޓީމެއް ކޯޓު އަމުރެއްގެ ދަށުން މ. ޖޭޑަށް ވަދެ އެގެ ބަލައި ފާސްކުރި ކަމަށެވެ.
މި މަހުގެ 18 ވަނަ ދުވަހު ފުލުހުން އެގެއަށް ވަދެ އެގޭގައި ތިބި މަސްއޮޑި ގްރޫޕަށް ނިސްބަތްވާ ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކަމުގެ ހެކި ހުރި ނަމަ ހެއްކާ އެކު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.