21 Mar 2016, 16:16
މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ އަނދާ ހުލިވުމުގެ ސަބަބުން މުޅިން އާ އިންޖީނުގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ތިނަދޫގައި ޕްރީ ފެބްރިކޭޓަޑް އިންޖީނުގެއެއް އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ބުނީ މަސައްކަތުގެ އިތުރު ތަފުސީލާއި އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު އެރުވޭނީ ހަމައެކަނި އީއޯއައި ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.
ފެނަކައިން ބުނީ ތިނަދޫ އާ އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ފެނަކައިގެ ހެޑް އޮފީހަށް ދިއުމުން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އެކަމަށް އޮތް އެންމެ ފަހު ތާރީހަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.
ތިނަދޫ އިންޖީނުގެ އެނދުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިގެން ދިޔަ އެވެ. ތިނަދު އަށް އަލުން ކަރަންޓު ދޭން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގަ އެވެ.
ފެނަކަ އިން ބުނީ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުމުގެ އަގު 22 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.