ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހަތް މައްސަލައެއް ވަރަށް ސީރީއަސް ކޮށް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ދެ ހަފްތާ ތެރޭ މަސްތުވާތަކެތީގެ 49 މައްސަލައެއްގެ ތުހުމަތުގައި 26 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުން ސީރިއަސްކޮށް ބަލަމުން އަންނަ ހަތް މައްސަލައަކީ މަސްތުވާތަކެތީގެ ވިޔާފަރި ފުޅާދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތުގައި އަތުލައިގެންފައިވާ މީހުންގެ މައްސަލަތައް ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތެރެ އިން ވެސް މަސްތުވާތަކެތީގެ ވިޔާފާރި ކުރަނިކޮށް އަތުލައިގެންފައިވާ މައްސަލަތައް ހިމެނޭ ކަމަށް ޖިނާހު ވިދާޅުވި އެވެ. އެހެންނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ޖިނާހު ނުދެއްވަ އެވެ.

ޖިނާހު ވިދާޅުވީ ބައެއް މައްސަލަތައް މިހާރު ވަނީ ޝަރީޢަތުގެ މަރުހަލާގައި ކަމަށާއި އަދި ބާކީ ހުރި މައްސަލަތައް ވެސް ޝަރީއަތަށް ވީހާ ވެސް އަވަހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚައްސަ އޮޕަރޭޝަންތަކުގެ ތެރޭގައި 11 ފުޅި ބަނގުރާ ވެސް އަތުލައިގެންފައިވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.