21 Mar 2016, 15:22
ވެސްޓު ޕާކް ސަރަހައްދާ ދިމާލުން ފަޅައިގެން ދިޔަ ނަޖިސްހޮޅި ރަނގަޅުކޮށްފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ސަން އަށް ވިދާޅުވީ ފަޅައިގެން ދިޔަ ނަޖިސްހޮޅި ރަނގަޅު ކުރީ ރޭ ދަންވަރު ކުރި ބުރަ މަސައްކަތުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ހޮޅިފަޅައިގެން ގޮސް މޫދަށް ނަޖިސްބޭރުވުމުން މާލޭގެ ހުޅުގަނގު ފަރާތު ރަސްފަންނަށް މޫދަށް އެރުން އަދި ވެސް ވަނީ މަނާކޮށްފައި ކަމަށެވެ.
ރަސްފަންނަށް މޫދަށްއެރުމުގެ ހުއްދަ ދޭނީ އެކަމާ ގުޅޭ ގޮތުން ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ފަހު އެ ސަރަހައްދަކީ މޫދަށް އެރިއުޅުމަށް ރައްކާތެރި ސަރަހައްދެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމާ އެކު ރަސްފަންނުގައި މޫދަށް އެރިއުޅުން މަނާކަން އަންގާ ބޯޑުތައް ވަގުތުން ހައުސިން މިނިސްޓްރީގެ ފަރާތުން ބަހައްޓާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.