ސިޑްނީ (މާޗް 21): އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް ހުދުވަމުން ދިޔުމުގެ ސަބަބުން އެ ގައުމުގެ ސަރުކާރުން އެންމެ މަތީ ނުރައްކާ އެލާޓް ނެރެފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ ކަނޑުގެ ލޮނުގަނޑު ހޫނުވަމުން ދިޔުމުގެ ސަބަބުން ބެރިއާ ރީފްގެ އެކި ސަރަހައްދުތައް ހުދުވެފައިވާ ކަމަށެވެ. އަދި ފަރުގެ އުތުރު ސަރަހައްދަށް "ވަރަށް ބޮޑަށް" އަސަރުކޮށްފައިވާ ކަމަށެވެ.

"ފަރު އަނެއްކާ ވެސް ރަނގަޅުވެދާނެ ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ ސާފު، އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރަން. އަދި ދަނޑުތަކާއި ބިން ސާފު ކުރުމުން ކަނޑަށް އެޅޭ ކުނިން މަދު ކުރަން އެބަޖެހޭ،" ޑަބްލިއުޑަބްލިއުއެފްގެ ތަރުޖަމާނު، ރިޗާޑް ލެކް ވިދާޅުވި އެވެ.

މުރަކަ ހުދުވަނީ ކަނޑުގެ ފިނިހޫނުމިން މައްޗަށް ދިޔުން ފަދަ ތިމާވެއްޓަށް އަންނަ އާދަޔާހިލާފު ބަދަލުތަކުގެ ސަބަބުން މުރަކައަށް އޭގެ ކުލަ ލިބިދޭ އަލްގީ ކަނޑުގެ ތެރެއަށް ދޫކޮށްލުމުގެ ސަބަބުންނެވެ. ކަނޑުގެ ފިނިހޫނުމިން އާދައިގެ މިންވަރަށް ދަށްވެއްޖެ ނަމަ އަލްގީ އަނެއްކާ ވެސް މުރަކައިގަ އާލާވާނެ އެވެ.

އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ ލިޒަޑް އައިލެންޑުގައި 40 ވަރަކަށް ދުވަސް ހޭދަކުރުމަށް ފަހު ޖޭމްސް ކުކް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތެއް ކަމަށްވާ ޖޯޑީ ރަމާ ވިދާޅުވީ އެ ސަރަހައްދުގެ ހާލަތު "އެއްވެސް ވަރަކަށް ރަނގަޅު ނޫން" ކަމަށެވެ.

"ސަތޭކަ ޕަސެންޓް ކޮރަލް ކަވާ [ވަރަށް ދުޅެހެޔޮ ފަރު] ހުންނަ ބައެއް ސަރަހައްދުތައް މިހާރު ވަނީ 100 ޕަސެންޓް ހުދުވެފައި،" ރަމާ ވިދާޅުވި އެވެ.

ބެރިއާ ރީފްގެ މުރަކަތަކުގެ ދުޅަހެޔޮކަމާއި ހުދުވެފައިވާ މުރަކަތައް ރަނގަޅުވުމުގެ ފުރުސަތު އޮތްތޯ ބެލުމަށް، 2012ގައި ދިރާސާކޮށްފައިވާ 40 ސަރަހައްދެއް އަނެއްކާ ވެސް މިއަންނަ ސެޕްޓެމްބަރު މަހު ދިރާސާ ކުރާނެ ކަމަށް އޮސްޓްރޭލިއާގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު، ގްރެގް ހަންޓް ވިދާޅުވި އެވެ. (ގާޑިއަން)