21 Mar 2016, 15:17
ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގުޅިފައިވާ މަސައްކަތުގެ ޕްލޭނެއްގައި އެންވަޔަރްމެންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ސޮއިކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ޕްލޭނަކީ ސަރުކާރާއި މަދަނީ ޖަމާއަތްތަކާއި ރާއްޖޭގައި މަސައްކަތް ކުރާ ޔޫއެންގެ އެޖެންސީތައް ކުރިއަށް އޮތް ދެ އަހަރު ދުވަހު ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރުމަށް އެކުލަވައިލި ޕްލޭނެއް ކަމަށެވެ.
ޔޫއެންޑީޕީ އާއި އެންވަޔަރްމެންޓް މިނިސްޓްރީން ސޮއިކުރީ އެކަމަށް ޓަކައި އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޕްލޭންގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބުރާހީމެވެ. އަދި ޔޫއެންގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާ އެވެ.
ޕްލޭންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މިއަދު ސޮއިކުރީ ކުރިއަށް އޮތް ދެ އަހަރު ދުވަހު ޔޫއެންއާއި އެންވަޔަރްމެންޓް މިނިސްޓްރީއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ ތާވަލުގައި ކަމަށެވެ.
"ޔޫއެންޑީޕީ އާއި ޔުނެޕްއާއި އަދި އޭގެ އިތުރަށް، އިތުރު ޔޫއެން ޖަމާއަތްތަކުން މަސައްކަތްތައް ކުރަމުން މިދަނީ. އެގޮތުން ހަމަ އޭގެ އިތުރަށް ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ހަމަ ޔޫއެންޑީޕީއާ އެއްކޮށް ހަމަ ބޮޑެތި މަސައްކަތްތަކެއް ރާއްޖޭގެ ތަރައްގީއަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރަން ހުރި ބައިވަރު މަސައްކަތްތައް އެބަހުރި،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެ އަހަރު ދުވަހަށް އެކުލަވައިލި ތާވަލުގައި ބޮޑެތި މަޝްރޫއުތައް އެބަހުރި ކަމަށާއި އެގޮތުން ފެނަށް ޖެހޭ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ހިންގާ 23 މިލިޔަން ޑޮލަރުގެ މަޝްރޫއެއް ވެސް ހިމެނޭ ކަމަށެވެ.
ޔޫއެން އިން ރާއްޖޭގެ އެކި އިދާރާތަކާ އެކު ސޮއިކުރަމުން އަންނަ މަސައްކަތުގެ ޕްލޭންތަކަކީ މިދިޔަ 2015 ވަނަ އަހަރު ދިވެހި ސަރުކާރާއި ޔޫއެންއާ ދެމެދު އެއްބަސްވެފައިވާ ޔޫއެން ޑިވެލޮޕްމެންޓް އެސިސްޓެންޓް ފްރޭމްވޯކް ( އުންޑާފް)އަށް ބިނާކޮށް އެކުލަވާލާފައިވާ ޕްލޭންތަކެކެވެ.