އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ ބަންދާމެދު މީގެކުރިން ހައިކޯޓުން ގޮތް ނިންމާފައި އޮތުމުން ޝަރީއަތުގެ މަރުހަލާގައިވެސް ނިހާނުގެ ބަންދާ މެދު ގޮތް ނިންމަން ޖެހޭނީ ހައިކޯޓުން ކަމަށް ނިހާނުގެ ވަކީލު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލައިގައި ދައުވާ އުފުލާފައިވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.

އެހެންވެ އެމައްސަލައިގައި ރެޖިސްޓްރާ ނިންމާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ނިހާނުގެ ވަކީލު ނާޒިމް އަބްދުއް ސައްތާރު މިއަދު ވަނީ ހައިކޯޓަށް ހުށަހަޅާފަ އެވެ. އޭނާ ހުށަހަޅާފައިވާ ހުށަހެޅުމުގައި ވާގޮތުން ނިހާނުގެ ބަންދުގެ މުއްދަތު މީގެކުރިންވެސް ޖަހާފައިވަނީ ހައިކޯޓުންކަން ސާބިތުވާއިރު ދެންވެސް ނިހާނުގެ ބަންދާމެދު ގޮތް ނިންމަން ޖެހޭނީ ހައިކޯޓުންނެވެ.

ހައިކޯޓަށް އެމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ނިންމި ނިންމުމުގައި ވަނީ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ކަމަށް އެނގެން އޮންނަ ކަމަށެވެ.

ހައިކޯޓުގެ ގަޒިއްޔާއެއްގައިވާގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވައި ޝަރީއަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ގާޒީއަށް ލިބިގެންވާ ތަގްދީރީ ބާރެއްކަން އެނގެން އޮންނަ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ.

އެހެންކަމުން ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގެދަށުން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާ ހަސަން އަލީ ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިހާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ ކުރިން އޭނާ ވަނީ ގާނޫނީ ވަކީލެއް މެދުވެރިކޮށް އެކަމަށް ޖަވާބުދާރީވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ނަވެސް މައްސަލައިގެ ބާވަތުން ކަމަށް ވިދާޅުވެ ގާޒީ، އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް އަމުރުކުރީ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމެއް ނެތިއެވެ.

ނިހާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްޙަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.