ރިޝްވަތު ހިމެނޭ ގޮތަށް ކެމްބޯޑިއާގެ ޕްރައިމް މިނިސްޓަރުގެ އާއިލާ އަށް ފައިސާތަކެއް ދީފައިވާ މައްސަލައެއްގައި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވުމާ އެކު، އޮސްޓްރޭލިޔާގެ ސްޓޮކް އެކްސްޗޭންޖްގެ ޗީފް، އެލްމާ ފަންކް-ކަޕާ އިސްތިއުފާ ދެއްވައިފި އެވެ.

އެލްމަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ އޮސްޓްރޭލިޔާގެ ގޭމު އުފައްދާ 'ޓެބްކޯޕް' ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރި ދުވަސްވަރު، އެ ކުންފުނި މެދުވެރިކޮށް ކެމްބޯޑިއާގެ ޕްރައިމް މިނިސްޓަރު ހުން ސެންގެ އާއިލާ މީހަކަށް 200،000 އެމެރިކާ ޑޮލަރު ދިން މައްސަލައިގަ އެވެ.

އެ ފައިސާ އަކީ ކެމްބޯޑިއާގައި އޮންލައިން ގޭމިންގް އޮޕަރޭޝަނެއް ހިންގުމަށް ލައިސެންސް ހޯދުމުގެ ގޮތުން ދީފައިވާ ފައިސާތަކެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ޓެބްކޯޕްގެ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުރި އެލްމާ މިހާރު ވަނީ އެ ކުންފުނީގެ މަސައްކަތުން ވެސް ދުރަށް ޖެހިލައިފަ އެވެ.

އެލްމާ އިސްތިއުފާ ދެއްވިކަން ސްޓޮކް އެކްސްޗޭންޖް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން ރިކް ހޮލިޑޭ ސުމިތު ވިދާޅުވީ އެލްމާ އިސްތިއުފާ ދެއްވީ، އެ މައްސަލައިގެ ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރެވުމާ އެކު، އޭނާ ވިދާޅުވެފައި ވަނީ އެ ފައިސާގެ މުއާމަލާތަކީ އޭނާ އަށް އެނގޭ ކަމެއް ނޫން ކަމަށާއި ތުހުމަތު ކުރެވުނު ނަމަވެސް ސްޓޮކް އެކްސްޗޭންޖު އިން އިސްތުއުފާ ނުދެއްވާނެ ކަމަށެވެ.

ސްޓޮކް އެކްސްޗޭންޖް އިން އެލްމާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ އިރު، އެލްމާގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން އެ މަގާމުގައި ހުންނާނީ ޗެއާމަން ރިކް ހޮލިޑޭ ސްމިތު އެވެ.

މަސްދަރު: އޭބީސީ ނިއުސް