28 Apr 2011, 15:10
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ ޝަރީއަތް ހިންގުމަށް ޓަކައި ނާޒިމަށް ޗިޓު ރައްދު ކުރި ނަމަވެސް އެ މައްސަލަ މިއަދު ކޯޓުން ކެންސަލްކޮށްފައިވާތީ އެމްޑީޕީގެ ތިން މެންބަރަކު ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކޮށްފި އެވެ.
މަޖިލީހުގެ ބްރޭކް ގަޑީގައި މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގެންފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ކުބޭ) އެވެ.
އެ ތިން މެންބަރުން އެއްކޮށް ކޯޓަށް ވަޑައިގެން މޫސަ އިސްކޮށް ހުންނަވައިގެން ކޯޓުގެ އިދާރީ މުވައްޒަފުން ކައިރީ ސުވާލު ކުރެއްވީ ނާޒިމްގެ މައްސަލައިގައި ޗިޓު ރައްދުވި ނަމަވެސް މައްސަލަ ނުބޭއްވުނީ ކީއްވެތޯ އެވެ.
"މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ވާހަކަ މި ދައްކަނީ އަބަދު އަބަދު. އެހެންވީމަ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވަނީތޯ މިއަދު މިތަނުން [ކޯޓުން] މައްސަލަ ކެންސަލް ކުރީ ކީއްވެގެންތޯ އަޅުގަނޑުމެން ބަލަން ބޭނުން ވަނީ،" މޫސަ ކްރިމިނަލް ކޯޓުގެ ކައުންޓަރުގައި އިން މުވައްޒަފު ކައިރީ އެއްސެވި އެވެ.
މީގެ އިތުރުން ނާޒިމަށް ޗިޓު ރައްދު ކުރެވިފައިވާ އަދަދާއި މައްސަލަ ބޭއްވުނު އަދަދު ވެސް ސާފު ކުރުމަށް މޫސަ އެދިވަޑައިގަތެވެ. ކޯޓުން އެކަންކަން ސާފު ކުރުމަށް ފަހު ޖަވާބު ދިނީ މިހާތަނަށް ހަތް ފަހަރު އެ މައްސަލައިގެ ޗިޓު ބޭރު ކޮށްފައިވާ އިރު މައްސަލަ ބޭއްވިފައި ވަނީ ތިން ފަހަރު ކަމަށެވެ. އަދި ޗިޓު ބޭރު ކުރި އެއްފަހަރު ނާޒިމް ހުންނެވީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި އެއް ފަހަރަކު ރާއްޖޭގައި ނޫޅުއްވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ބުނީ ނާޒިމްގެ މައްޗަށް ކުރާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގެ ޝަރީއަތް މިއަދު ނުބޭއްވުނީ އޮފީހުގެ ފަރާތުން ކޯހެއްގައި އެ މައްސަލަ ބައްލަވާ ގާޒީ ސައީދު އިބްރާހިމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ ކަމަށެވެ.
ކޯޓުން އެ ޖަވާބު ދިނުމުން މޫސަ އިތުރަށް ސުވާލު ކުރެއްވީ މައްސަލަ ބައްލަވާ ގާޒީ ރަށުގައި ވަޑައިގެން ނެތް ނަމަ އެހެން ގާޒީއަކަށް އެ މައްސަލަ ނުބެއްލެވޭނެތޯ އެވެ. ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގެ ހުރިހާ ގާޒީންނަށް ވެސް ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ މައްސަލަތައް ބެލުމަށް ޝެޑިއުލްކޮށްފައި ހުންނަ ކަމަށެވެ. ދެން މޫސަ ސާފު ކުރައްވަން ބޭނުންވެވަޑައިގަތީ އެ މައްސަލައިގައި ނާޒިމަށް ޗިޓު ރައްދު ކުރެވުނުތޯ އާއި މައްސަލަ ނުބޭއްވޭކަން ނާޒިމަށް ނޭންގީ ކީއްވެގެންތޯ އެވެ.
"އިއްޔެ ނާޒިމް އަޅުގަނޑު ކައިރީގައި ޗިޓު ދައްކައިފައި ބުނި މިއޮތީ ޗިޓު އައިސްފައޭ އަޅުގަނޑު މާދަމާ [ކޯޓަށް] ދާން ކޯޓަށް ހާޒިރުނުވެއޭ އަބަދު ކިޔާއިރު. ނެތް ނަމަ ނުބުނާނެ އެހެންނެއް އަޅުގަނޑު ކައިރީގައި ދޮގެއް ނުހަދާނެ. އެކަހަލަ ބޭފުޅެއް ނޫން އެއީކީ،" މޫސަ ވިދާޅުވި އެވެ.
ކޯޓުން ބުނީ ބައެއް މައްސަލަތަކަށް ވަރަށް ކުރިން ވެސް ޗިޓު ހަވާލުކޮށްފައި ހުންނާނެ ކަމަށެވެ. އަދި ނާޒިމްގެ މައްސަލަ ބައްލަވާ ގާޒީ ކޯހަށް ވަޑައިގެންނެވީ ކުއްލި ގޮތަކަށް ކަމަށް ވެސް ކޯޓުން ބުންޏެވެ.
އެ މައްސަލައިގައި ރޭގައި ވީޓީވީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ އޭނާގެ އަގުވައްޓާލައި ފަލީހަތް ކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ކޯޓުން އޭނާއާ ހަވާލު ކުރަން ބޭނުންވެގެން ޗިޓަކާ ހަވާލުވެވަޑައިނުގެން ނުހުންނާނެ ކަމަށާއި މިހާތަނަށް ހަތަރު ފަހަރު މައްސަލައިގެ އަޑުއެހުން ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ވެސް ކޯޓުން ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ބައެއް ސުވާލުތަކަށް ޖަވާބު ނުލިބުނު ނަމަވެސް މޫސަ އާއި އަނެއް ދެ މެންބަރުން ކޯޓުން ވަޑައިގެންނެވީ މަޖިލިސް އަލުން ފެށޭ ގަޑި ޖެހޭތީވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނާޒިމްގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ ފަރާތުން 15،000 ގަންނަންވެގެން ޑިސެމްބަރު 31، 2003 ގައި އިއުލާނެއް ކުރި ކަމަށެވެ. އަދި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރެ އެ ކުންފުނީގެ ތަކެއްޗާއި މުވައްޒަފުން ބޭނުން ކުރައްވައިގެން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ "ކުންފުނިތަކެއް"ގެ ނަމުގައި ލެޓާ ހެޑް ހަދައި އެ ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅުއްވައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއި ކުށެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެމީހަކު މަގާމުން ވަކިވާނެ ކަމަށެވެ.