އަދަބިއްޔާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އެންމެ ނުފޫޒުގަދަ އެއްބާވަތް ކަމަށްވާ ޅެންވެރިކަމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފާހަގަކުރާ ފަންނެކެވެ. އެގޮތުން ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މާރިޗު މަހުގެ 21 ވަނަ ދުވަހެވެ.

ނަވާރަސަތޭކަނުވަދިހަނުވައެއްގައި އެންމެ ފުރަތަމަ ޔުނެސްކޯއިން ފާހަގަކުރަން ފެށި ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހަކީ ޅެންވެރިކަމުގެ ޒަރިއްޔާއިން ބަހަވީ ސިންދަފާތު [ލިންގުއިސްޓިކް ޑައިވާސިޓީ] އިތުރުކުރުމަށާއި އުވިގެން ހިނގައިދާނެ ކަމަށް ބެލެވޭ ބަސްތައް އާލާ ކުރަން ފާހަގަކުރާ ދުވަހެކެވެ. އަދި ޅެންވެރިންގެ އަގުވަޒަންކުރުމަށާއި، ޅެން ކިޔުމާއި، ލިޔުމާއި، އުނގަންނައިދިނުން އިތުރުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

މީގެ އިތުރުން، ޅެންވެރިކަން ފާހަކުރަނީ ނެށުމާއި، މިއުޒިކު ކުޅުމާއި ކުރެހުން ފަދަ ހަރަކާތްތަކުގެ ތެރޭގައި ޅެން ބޭނުންކުރުން އިތުރުކޮށް، މުޅި ދުނިޔެ ޅެންވެރިކަމުން ގުޅުވާލުމަށެވެ.

ޔުނެސްކޯގެ ޑައިރެކްޓަރ ޖެނެރަލް އައިރީނާ ބޮކޯވާ ވަނީ ޅެންވެރިކަމަކީ އިންސާނިއްޔަތު ވަރުގަދަކުރާ އެއްޗެއް ކަމަށް ވިދާޅުވެފަ އެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އެމީހުންގެ ހަމައެކަނި އާލާތުގެ ގޮތުގައި ބޭނުންކޮށް، ހިޔާލު އުފައްދައި އަމަލުކުރާ އަންހެނުންނާއި ފިރިހެނުންގެ އަގުވަޒަން ކޮށްގެން، ޔުނެސްކޯއިން ޅެންވެރިކަން ފާހަގަކުރަނީ އިންސާނީ ރޫހުގެ އުފެއްދުންތެރިކަމުގެ ރަމްޒެއްގެ ގޮތުގައި،" ޔުނެސްކޯގެ ޑިރެކްޓާ ޖެނެރަލް އައިރީނާ ބޮކޯވާ ވިދާޅުވި އެވެ.

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީއާ ރާއްޖޭގައި ހުރި ބޭރުގެ ބައެއް ސަފާރާތައް [ހައިކޮމިޝަންތައް] ގުޅިގެން ހާއްސަ ރަސްމިއްޔާތެއް ޖަމާލުއްދީން ސްކޫލްގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.