21 Mar 2016, 12:58
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމް ކަށަވަރު ކުރަން ޖެހޭ ސަބަބުތައް ހުށަހެޅުމަށް ސުޕްރީމް ކޯޓުން ދައުލަތަށް އިތުރު ފުރުސަތު ދީފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުމާމް މަރަން ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. މައްސަލާގެ ބާވަތުން ހުކުމް ކަށަވަރުނުކޮށް ހުކުމް ތަންފީޒު ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ ހުކުމް ކަށަވަރުކޮށްދިނުމަށް އެދި ސުޕުރީމް ކޯޓަށް ހުށަހަޅާފައިވަނީ ޕީޖީގެ ފަރާތުންނެވެ.
އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅަން ޖެހޭ ސަބަބުތައް ތައްޔާރުކޮށްފައިވާ ނަމަ އެތަކެތި ހުށަހެޅުމަށް އެދިފަ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ހުމާމްގެ މަރުގެ ހުކުމް ކަށަވަރުކުރަން ހުށަހެޅި މައްސަލައަކީ އެފަދަ ފުރަތަމަ މައްސަލަ ކަމުން އެފަދަ މައްސަލަތައް ކުރިއަށް ދާނެ ގޮތުގެ އުސޫލުތައް ބެންޗުން ކަނޑައަޅާ ދިނުމަށް އެދޭ ކަމަށެވެ. އަދި ހުކުމް ކަށަވަރު ކުރަންޖެހޭ ސަބަބުތައް ހުށަހެޅުމަށް އިތުރު ފުރުސަތަށް ދައުލަތުގެ ވަކީލުން އެދުމުން ކޯޓުން ވަނީ އެފުރުސަތު ދީފަ އެވެ.
ހުމާމްގެ ވަކީލު ވިދާޅުވީ މައްސަލައާ ހަވާލުވީ ވަރަށް ފަހުން ކަމުން މައްސަލައަށް ތައްޔާރުވާން ވަގުތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫންކަމަށާއި މައްސަލާގެ އިބުތިދާއީ އަޑުއެހުން ބޭއްވި ފަހުންވެސް 10 ދުވަސް ވެއްޖެ ކަމަށެވެ. އަދި ސުޕުރީމު ކޯޓުގެ ގަވާއިދު ބުނާގޮތުން މައްސަލައެއްގެ އިބުތިދާއީ އަޑުއެހުން ބާއްވާތާ ފަސްދުވަސް ތެރޭގައި ފުރަތަމަ އަޑުއެހުން ބާއްވަން ޖެހޭނެ ކަމަށާއި އެހެންކަމުން މިހާރުވެސް އިތުރަށް ފަސްދުވަސް ދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުވެސް ލިބިފައި ނުވާ ކަމަށް ހުމާމްގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީވެސް ގަބޫލު ކުރެވޭނެ ނުކުތާއެއް ނޫން ކަމަށާއި ހައިކޯޓުގެ ނިންމުންތައް ހައިކޯޓުގެ ވެބްސައިޓުގައި އާންމުކުރެވިފައި ހުންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހުމާމްގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު 60 ދުވަސްވެސް ދޫކޮށްލާފައިވާ ކަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ފާހަގަކޮށްފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.