ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ދޭތެރޭ މުޖުތަމައު އިން އަމަލު ކުރަމުން ދަނީ ރަނގަޅަކަށް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ދުވަހާ ގުޅިގެން އެ ކޮމިޝަން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންނާ މެދު ހިންގާ އިހާނެތި އަމަލުތަކުގެ ތެރޭގައި އޮޅުވާލައިގެން މަސައްކަތް ކުރުވުމާއި މުސާރަ ނުދިނުމާއި ޕާސްޕޯޓް ފަދަ އަމިއްލަ ލިޔެ ކިއުން ހިފެހެއްޓުން ހިމެނޭ ކަމަށް އދ.ގެ ޔުނިވާސަލް ޕީރިއޯޑިކް ރިވިއުއަށް ހިއުމަން ރައިޓްސް ކޮމިޝަނުން 2014 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

"މީގެ އިތުރުން، އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ފަދަ ހާލަތްތަކުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭކަން ވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވާނެ އެވެ. މިގޮތުން ސާފު ފެން ނުލިބި، ފާހާނާ ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތް، ތޮއްޖެހިފައިވާ ތަންތަނުގައި ބިދޭސީން ގެންގުޅުން ހިމެނެ އެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންނަކީ ދަށް ބައެއްގެ ގޮތުގައި މުޖުތަމައު ދެކޭ ކަމަށާއި އެ ފަރާތްތަކާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތައް ޑިޕޯޓުކޮށްފާނެ ކަމުގެ ބިރަށްޓަކައި އެ ފަރާތްތަކަށް ދިމާވާ މައްސަލަތަކުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ދާން ބިރުގަންނަކަން ވެސް ޔުނިވާސަލް ޕީރިއޯޑިކް މިރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި ހިއުމަން ޓްރެފިކިންގެ [އިންސާނީ ވަގުފާރި] ޝިކާރައަކަށް ބިދޭސީ މަސައްކަތްތެރިން ގިނަ އަދަދަކަށް ހުށަހެޅިގެންދާދިއުމަކީ ގައުމީ ފެންވަރުގައި ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި، އެންމެހާ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތިކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރަމުން އެޗްއާރްސީއެމް އިން ބުނީ ދިވެހިރާއްޖޭގައި ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހުއްޓުވުމަށް ޓަކައި ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ގާނޫނު އޭގެ ފުރިހަމަ މާނާގައި ތަންފީޒުކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ހައްގުތައް ގެއްލޭ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އިންސާފު ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާ މެންބަރުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ދިވެހި ރާއްޖޭން ބައިވެރިވުން އަވަސްކުރުމަކީ ވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށްވާތީ މިމުއާހަދާގައި ބައިވެރިވުމަށް ވެސް މިފުރުސަތުގައި ދައުލަތަށް ގޮވާލަމެވެ." އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ދިވެހިންނަކީ އެއް ނަސްލަކަށް ނިސްބަތްވާ ބައެއްކަމުގައި ވީނަމަވެސް، މުޖުތަމައުގައި ހުރި އެހެނިހެން ތަފާތުތަކުގެ މައްޗަށް ބިނާކޮށް މީހުންގެ މެދުގައި ތަފާތުކުރުމަކީ މަދުން ނަމަވެސް ދިމާވަމުންދާ ކަމެއް ކަމަށް ބުނެފައިވެ އެވެ. އެގޮތުން ނިސްބަތްވާ ރަށް، ބަހުރުވަ، ސިޔާސީ ވިސްނުން، ނުވަތަ ދީނީ ހިޔާލުތަފާތުވުން ފަދަ ކަންތައްތަކުގެ މައްޗަށް ބަލައި މީހުންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން، ކުރިމަގުގައި މުޖުތަމައުއަށް ނޭދެވޭ ގިނަ އަސަރުކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.