21 Mar 2016, 12:32
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކޮށް ނިމި، އާ ޓާރމިނަލްގެ މަސައްކަތް ނިމުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާރމިނަލް، ޑޮމެސްޓިކް ޓާރމިނަލަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އާ އިންޓަރނޭޝަނަލް ޓާރމިނަލް އެޅުމަށް ނިންމާފައި ވަނީ މިހާރުގެ ޓާރމިނަލް އާ ޖެހިގެންނެވެ. އެ ޓާރމިނަލްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އައިއެންއައިއޭގެ ދެ ޓާރމިނަލް ދެމެދުގައި ހިޔާކޮށްފައިވާ ވޯކްވޭއެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެ ބަދަލަކީ ޑޮމެސްޓިކް ޓާރމިނަލް އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ބަދަލެއް ކަމަށެވެ.
"އިންޓަރނޭޝަނަލް ޓާރމިނަލް ނިމުމުން، މިހާރުގެ އިންޓަރނޭޝަނަލް ޓާރމިނަލް ބަދަލުވެގެންދާނީ ޑޮމެސްޓިކް ޓާރމިނަލް އަށް. ޑޮމެސްޓިކް ޓާރމިނަލް އަށް ބަދަލުވުމުން އެތަނުގައި [މިހާރުގެ ޑޮމެސްޓިކް ޓާރމިނަލް] ހުރި ޖާގައިގެ ދަތިކަން ވެސް އަދި އެހެނިހެން ފެސިލިޓީސްތައް ވެސް ވަރަށް ރަނގަޅު ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
ޑޮމެސްޓިކް ޓާރމިނަލް -- ސަން ފޮޓޯ: ފަޔާޒު މޫސާ
އާ ޓާރމިނަލް އަޅާ ސަރަހައްދުގައި ހުރި އިމާރާތްތައް އެހެން ސަރަޙައްދަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް އާދިލް ވަނީ ވިދާޅުވެފަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ އެ މަސައްކަތުގެ ދަށުން އާ ޓާމިނަލް އެޅުމަށް ނިންމާފައިވާ ސަރަޙައްދުގައި ހުރި 12 އިމާރާތެއް ހުޅުލޭގެ އިރުމަތީ ފަރާތަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އާ ޓާމިނަލް އަޅާ ސަރަހައްދުގައި ހުރި ފަސް އިމާރާތެއް ރިނޮވޭޓް ކުރުމަށް ވަނީ ނިންމާފަ އެވެ.
އާދިލް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރެވިގެން ދާނެ ކަމަށެވެ. އެ ރަސްމިއްޔާތު އޮންނާނީ ދަރުބާރުގޭގަ އެވެ.
"މިއަންނަ މަހު ހަ ވަނަ ދުވަހު ރަސްމީކޮށް އެއާޕޯޓު ޑިވެލޮޕްމަންޓު މަސައްކަތް ދަރުބާރުގޭގައި އިފްތިތާހް ކުރާނަން. ޕްރޮޖެކްޓަށް ބަލާއިރު މިހާރު ރަންވޭ ކާރގޯ، އަދި ފިއުލް ފާމްގެ ލޯން އެގްރީމެންޓް ވެސް އަދި ކޮންޓްރެކްޓަރ އެގްރީމަންޓު ވެސް ވަނީ ފައިނަލް ކުރެވިފައި،" އާދިލް ވިދާޅުވި އެވެ.