21 Mar 2016, 12:35
އެފްއޭއެމް ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ކަމަށް އެ އިދާރާގެ ޖެނަރަލް ސެކެޓްރީ ބައްސާމް އާދިލް ޖަލީލް ފީފާ އިން ހަމަޖައްސައިފި އެވެ.
ޗެއާމަންގެ މަގާމަށް ބައްސާމު ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަވީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަވީދުގެ އިސްތިއުފާ ފީފާ އިން ގަބޫލުކޮށް އެ މަގާމަށް ބައްސާމު އައްޔަނުކުރީ މިއަދު އެވެ.
ޝަވީދު މީގެ ކުރިން ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އިތުރުކޮށްފި ނަމަ އޭނާ އެ މަގާމުގައި އިތުރަށް ނުހުންނަވާނެ ކަމަށެވެ. ފީފާ އިން ވަނީ މޭ މަހުގެ 31ގެ ނިޔަލަށް އެ ކޮމެޓީގެ މުއްދަތު އިތުރުކޮށް، ބައްސާމް އާއި ގައުމީ އަންހެން ޓީމްގެ މެޑިކަލް ޑޮކްޓަރު ފަތިމަތު ނަސްމާ ނިޔާޒް ކޮމެޓީ އަށް އިތުރުކޮށްފަ އެވެ.
އަދި މޭ މަހުގެ ނިޔަލަށް އެފްއޭއެމްގެ އަސާސީ ގަވައިދަށް އިސްލާހުކޮށް އިންތިޚާބު ނުބާއްވައިފި ނަމަ ރާއްޖެ އޮޓޮމެޓިކުން ސަސްޕެންޑުވާނެ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.
އެހެން ކަމުން ޗެއާމަންގެ މަގާމަށް އައްޔަން ކުރި ބައްސާމަގެ އެންމެ ބޮޑު އެއް މަސަތްކަތަކަށް ވާނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބާއްވަން މަސަތްކަތްކޮށް ނުބޭއްވުނު އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމެވެ.