21 Mar 2016, 12:52
ތިން އަހަރުގެ މުއްދަތަށް ސްކޫލްތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް ގެނައުމުގެ އެއްބަސް ވުމެއްގައި އޮކްސްފޯޑު ޔުނިވާސިޓީ އޮފް ޕްރެސް އިންޑިއާއާ އެކު އެޑިއުކޭޝަން މިނިސްޓްރީ އިން ސޮއިކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ އެވެ. އަދި އޮކްސްފޯޑު ޔުނިވާސިޓީ އޮފް ޕްރެސް އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ސޭލްސް ރާޖޭޝް މާތުރް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ސުކޫލްތަކުގެ ލައިބްރަރީތަކަށް ބޭނުންވާ ފޮތް ފޯރުކޮށްދެވޭނެ ކަމަށެވެ.
"މިގޮތުން އޮކްސްފޯޑު ޔުނިވާސިޓީ ޕްރެސް އިން ތައްޔާރުކޮށްފައިވާ ރީޑިންގް ޕެކޭޖުތައް ވަރަށް ބޮޑަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދިރާސާ ކުރުމަށް ފަހު އެއީ އަޅުގަނޑުމެންގެ މި މަންހަޖާ ގުޅޭ ވަރަށް ރިލޭޓެޑް އަޅުގަނޑުމެންގެ ދަރިވަރުންނަށް ބޭނުންތެރި ފޮތް ކިޔުމުގެ ގާބިލުކަން އިތުރުކޮށްދޭނެ ޕެކޭޖުތަކެއް ކަމަށް ވާތީ [ސޮއި ކުރީ]،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަދު ސޮއި ކުރި އެއްބަސްވުމަކީ ސްކޫލްތަކުގައި ހަމަހަމަ ވަސީލަތްތައް ގާއިމު ކުރުމުގެ ވައުދުގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށެވެ.
"މި މަސައްކަތުގެ އަގު ތިން އަހަރު ތެރޭ ގާތްގަނޑަކަށް 9.3 މިލިއަން ރުފިޔާ ވަރު އަރާނެ. އަޅުގަނޑުމެން މި އަހަރު ގެންނަ ފޮތްތަކަށް ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ވަރު އަރާނެ." އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި އަހަރު ފޮތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ 190 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ސުކޫލްތަކަށް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 80 ވަރަކަށް ސްކޫލްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެއާ އެކު މި އަހަރަށް ބޭނުންވާ ފޮތްތައް އޮކްސްފޯޑު ޔުނިވާސިޓީ ޕްރެސް އިންޑިއާގެ ފަރާތުން ކުރިއަށް އޮތް 30 ވަރަކަށް ދުވަސްތެރޭ އެ މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ފޮތްތައް އަންނަ އެޕްރިލް ފުރަތަމަ ހަފްތާ ނުވަތަ ދެވަނަ ހަފްތާ ތެރޭގައި ސުކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.