ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ހާލު ސީރިއަސްވި އަންހެން މީހާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ވިލިނގިލި ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި ނަމަވެސް، އޭނާގެ ހާލު ސީރިއަސް ވުމުން އިތުރު ފަރުވާއަށް އޭނާ ވަނީ އިއްޔެ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލީ ރޭ ފަތިހު އެވެ.

އައިޖީއެމް ހޮސްޕިޓަލަށް އަންހެން މީހާ ގެނެސްފައި ވާކަމަށް ތިނަދޫ ހޮސްޕިޓަލުން ކަށަވަރުކޮށްދިން ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނު ނިއްވާލާފައި އޮތުމުން އެ ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ 'ސަން' އަށް ބުނީ، އެހޮސްޕިޓަލަށް އަންހެން މީހާ ގެނައި އިރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ނޭވާ ލަމުން އަންނަނީ ވެސް ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ކުޑަކޮށް ހޭ ހުރި ނަމަވެސް، އެކަށީގެންވާ ވަރަށް އޮކްސިޖަން ނުހިފަހައްޓާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ކޮންމެވެސް ވަރަކަށް ހޭ އެބަހުރި. ރެސްޕޮންޑު ކުރޭ. އެކަމަކު ވެންޓިލޭޓަރު ނެތިއްޔާ އޮކްސިޖަން ލެވެލް ނުއެއް ހިފަހައްޓާ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުން ބުނީ އަންހެން މީހާ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން ގެނައި މީހަކަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ އަންހެން މީހާ އަދިވެސް ހޭ ނާރާނާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.