28 Apr 2011, 14:23
ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެ ހަފްތާ ތެރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ވިއްކަން ތައްޔާރު ކޮށްފައި ހުރި، މަސްތުވާތަކެތީގެ ބުލެޓް ސައިޒްގެ 428 ޕެކެޓް މާލެ އިން ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އޭގެން ކޮންމެ ޕެކެޓެއް ވިއްކާ މަގުމަތީ އަގަކީ 2،500ރ. ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ ފުލުހުން ހޯދި މަސްތުވާތަކެތީގެ މަގުމަތީ އަގު ޖުމްލަ އެއް މިލިއަން އެއްލައްކަ ސާޅީސް ހާސް ރުފިޔާ އަށް އަރާ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ އިރު މައްސަލައިގެ ތުހުމަތުގައި ފުލުހުން އަންނަނީ އިތުރުމީހުން ހޯދަމުން ނެވެ.
އެހެންނަމަވެސް މިހާރު ހައްޔަރުގައި ތިބީ ކޮން ބައެއް ކަމެއް އަދި މަސްތުވާތަކެތި ހޯދީ ކޮންތަނަކުން ކަމެއް ޖިނާހު ވިދާޅެއްނުވެ އެވެ.