ޖަކާޓާ (މާޗް 21): ޗައިނާގެ މަސްވެރިކަން ކުރާ ބޯޓަކުން އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރިކަމުގެ ތުހުމަތުގައި ޗައިނާ އިން އިންޑޮނޭޝިއާއަށް ހަމަޖައްސާފައި ހުންނަ ސަފީރާ ސުވާލުކުރަން އިންޑޮނޭޝިއާ އިން ނިންމައިފި އެވެ.

ޗައިނާގެ ސަފީރު ހާޒިރު ކުރަނީ ކޯސްޓުގާޑުން ވަނީ ސައުތް ޗައިނާ ކަނޑުގައި ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ޗައިނާގެ ބޯޓު ހިފެހެއްޓުން ހުއްޓުވާފައި ކަމަށް އިންޑޮނޭޝިއާގެ ފިޝެރީސް މިނިސްޓަރު ސުސީ ޕުޑްޖިއަސްޓުޓީ ވިދާޅުވީ އެވެ.

"އެ ހާދިސާއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ޗައިނާގެ ސަފީރު [މިއަދު] ހާޒިރުކުރާނަން. އަޅުގަނޑުމެން ޗައިނާ އަށް އިހުތިރާމް ކުރަން، ނަމަވެސް އެހެން ގައުމުތަކުގެ ފިއްތުންތަކާ ނުލައި އަޅުގަނޑުމެންގެ ސަރަހައްދު އަޅުގަނޑުމެން ރައްކާތެރިކުރަން ޖެހޭ،" ސުސީ ވިދާޅުވި އެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ގޮތުން އިންޑޮނޭޝިއާ އިން ވަނީ ބޯޓުގައި ތިބި އަށް ފަޅުވެރިން ހައްޔަރުކޮށްފައި ކަމަށް ސުސީ ވިދާޅުވި އެވެ.

ނަމަވެސް، ޗައިނާ އިން ވަނީ އެ ބޯޓު އޮތީ ޗައިނާގެ މަސްވެރިކަން ކުރާ ސަރަހައްދުގައި ކަމަށް ބުނެ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ބޯޓުގެ ފަޅުވެރިންގެ ސަލަމާތަށް ޓަކައި ފަޅުވެރިން ވަގުތުން ދޫކޮށްލުމަށް ޗައިނާގެ ފޮރިން މިނިސްޓްރީން އާއްމުކުރި ބަޔާނެއްގައި ގޮވާލާފައިވެ އެވެ.

އިންޑޮނޭޝިއާ އިން އެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ ސައުތްއީސްޓް އޭޝިއާގެ ގިނަ ގައުމުތަކުން މިލްކުވެރިކަމާ ބެހޭ ގޮތުން ދެބަސްވުން އުފެދިފައިވާ ސައުތް ޗައިނާ ކަނޑުގެ މައްސަލަ ހޫނުވެފައިވާ ވަގުތެއްގަ އެވެ. (ގާޑިއަން)